ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި ކަރަންޓް ޝޮކް ޖައްސާ ޓޭޒާ ގަން ބޭނުން ކުރަން ފަށައިފިއެވެ.
ފުލުހުން ބޭނުން ކުރަން ތައްޔާރުވާ ޓޭޒާ ގަންއަކީ އެމެރިކާގައި ތައްޔާރުކޮށް، މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ ވަސީލަތެކެވެ. ޓޭޒާ-7ގެ މި ގަންއަކީ މިމޮޑެލްގެ އެންމެފަހުގެ ވާޝަންއެވެ.
މާލެ ސަރަހައްދުގައި ޓޭޒާ ގަން ބޭނުން ކުރަން ފެށިކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ގަން ބޭނުން ކުރާނީ ސާޖެންޓު އަދި އެއަށްވުރެ މަތީ ރޭންކުގައި އެކަމަށް ޚާއްސަ ތަމްރީން ލިބިފައިވާ ފުލުހުން ކަމަށެވެ.
Roll-out of Conducted Energy Weapon (Taser) begins today with High Visibility Policing teams in Male’. Sergeant & above ranked officers who had undergone certification training will be authorised to carry & use this prevalent, less lethal weapon for the first time at @PoliceMv. pic.twitter.com/cn3g91PVQP
— Mohamed Hameed (@M_Hameedh) February 26, 2023
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި ބޭނުން ކުރަން ފަށާފައިވާ ޓޭޒާ ގަންއަކީ ފުލުހުން ކުރިމަތިލާންޖެހޭ އެކި ސީންތަކާއި ގުޅިގެން މިހާރު ކުރިމަތިވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ މުހިންމު ވަޞީލަތެއް ކަމަށް މިގަން ފުރަތަމަ ނޫސްވެރިންނަށް ދައްކާލުމަށް މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވިއެވެ.
ޓޭޒާގަން ޖެހުމާއެކު މީހާ ބިންމައްޗަށް ވެއްޓި، ގާތްގަނޑަށް 5 ވަރަކަށް ސިކުންތު މީހާގެ ހަރަކާތް ހުއްޓި ފުލުހުންނަށް އޭނާ ބެލުމުގެ ދަށަށް ގެނައުމަށް ފަސޭހަ ވެއެވެ. ފުލުހުން މިގަން ބޭނުން ކުރާ ސީންތަކަކީ އެހާލަތަކާއި ގުޅިގެން އެސަރަހައްދު ކޮންޓްރޯލް ކުރުމަށް އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވާ އިސް އޮފިސަރަށް ފެނިއްޖެނަމަ ބޭނުން ކުރާގޮތަށް ހަމަޖެހިފައިވާ ވަސީލަތެކެވެ.
ޓޭޒާ ގަން ބޭން ކުރާ ކޮންމެ ޕޮލިސް އޮފިސަރެއްގެވެސް ޔުނިފޯމްގައި ބޮޑީވޯން ކެމެރާ ހުންނާނީ ހަރުކޮށްފައެވެ. އެއްވެސް ހާލަތެއްގައި ޓޭޒާގަން ބޭނުންކުރާނަމަ، ބޮޑީވޯން ކެމެރާއަށް އެސަރަހައްދުގައި ހިނގާ ހުރިހާކަމެއް ރެކޯޑު ކުރެވިގެންދާނެއެވެ. އަދި އެސަރަހައްދާއި، ފުލުހުން އެސީންގައި އަމަލުކުރާނެ ގޮތްވެސް ރެކޯޑު ކުރެވެމުންދާނެއެވެ.