ޚަބަރު

2 ޤާޟީއަކަށް ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފި


ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމު ދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޢާމިރަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ނިންމާފައިވަނީ ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމު ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާކަމަށް ނިންމައި ނަސޭހަތް ދިނުމަށެވެ. އަދި ރަށްވެހިކަން ބަދަލުކުރުމުގައި ބަޔަކު ލައްވައި ދޮގު މައުލޫމާތު ދިން މައްސައެއްގައި ދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޢާމިރު ސަސްޕެންޑްކުރުމަށްވެސް ވަނީ ނިންމާފައެވެ.

ގާޟީ ނައިމާއި ގުޅޭގޮތުން ބައްލަވާފައިވަނީ ފަނޑިޔާރުންނަށް ފްލެޓް ދިނުމާއި ގުޅޭގޮތުން އުއްތަމަ ފަނޑިޔާރާއި، ޖުޑީޝަރީގެ އިސްވެރިން ހިމެނޭ ވައިބާ ގްރޫޕަށް ޤާޟީ ނައީމް ފޮނުވި މެސެޖެއްގެ މައްސަލައެވެ. މިމެސެޖުގައި ނައީމް ވަނީ ފްލެޓް ލިބުމުގެ މައްސަލަ ހައްލު ކުރުމުގައި ހަރުކަށި މަސައްކަތްތަކެއް ޖުޑީޝަރީ ތެރެއިން ކުރަންޖެހޭފަދަ އިބާރާތަކުން ލިޔުއްވާފައިކަމަށް ޖޭއެސްސީން ތުހުމަތުކުރެއެވެ.

މިމައްސަލައިގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ މިންގަނޑާއި ޚިލާފުވެފައިވަތީ ނިންމާފައިވަނީ ފަނޑިޔާރު ނައީމަށް ނަސޭހަތް ދިނުމަށެވެ.

ދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޢާމިރުއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ ރަށްވެހިކަން ބަދަލުކުރުމުގައި ބަޔަކު ލައްވައި ދޮގު މައުލޫމާތު ދިން މައްސައެކެވެ.

ޖޭއެސްސީ އިން ވިދާޅުވީ އަހްމަދު އާމިރު ދ. ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި އެ ރަށު ކައުންސިލް އިދާރާއަށް ހުށަހެޅިއިރު ދޮގު މައުލޫމާތާއި ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާކަމަށެވެ.

މިކަމުގައި ފަނޑިޔާރު އާމިރު އަމަލު ކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނާއި އަދި ސުލޫކީ މިންގަނޑާއި ޚިލާފަށް ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. އާމިރު ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ ދެހަފްތާގެ މުއްދަތަކަށެވެ. މިމުއްދަތުގައި އޭނާއަށް މުސާރައާއި އިނާޔާތް ނުލިބޭނެކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.