މިއީ ޚިޔާލުތަފާތުވުންތައް އެކަހެރިކޮށް، އަދި ޚިޔާލު ތަފާތުވުން ހުރިނަމަވެސް، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި އެންމެން އެއްވާންވީ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު އެމަނިކުފާނާ ރަސްމީކޮށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ދައްކުވައިދިނީ އެޕާޓީއަކީ ޑިމޮކްރަސީއަށް ފައްކާވެފައި އޮތް ޕާޓިއެއްކަން ކަމަށެވެ. އަދި އެ ޕްރައިމަރީން ދައްކުވައިދިނީ، އެމްޑީޕީއަކީ ޚިޔާލުތަފާތުވުންތަކަށް ޖާގަ އޮތް ޕާޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިއީ ޚިޔާލުތަފާތުވުންތައް އެކަހެރިކޮށް، އަދި ޚިޔާލު ތަފާތުވުން ހުރިނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި އެންމެން އެއްވާންވީ ވަގުތުކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ މެންބަރުންގެ މަޤްޞަދާއި ބޭނުން ވަރަށް ސާފުކަމަށާއި، އެއިން ކޮންމެ މެންބަރެއްވެސް ބޭނުންވަނީ ރާއްޖެއަކީ ސުލްހައާއި ހަމަޖެހުން ޤާއިމްވެފައި އޮތް، އަދި އިސްލާމް ދީނުގެ ސައްޙަ އަޤީދާގެ މަތީގައި ދެމިތިބޭ ބަޔަކަށް ވުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެޕާޓީގެ ކޮންމެ މެންބަރެއްވެސް ބޭނުންވަނީ ރާއްޖެއަށް ގެންނަމުންދާ ތަރައްޤީއާއެކު ކުރިއަށްދާންކަމަށާއި، މި ގެނެވޭ ތަރައްޤީގައި ވަކި މީހަކު ބާކީނުކޮށް އެންމެނަށް އޭގެ ނަފާ ލިބުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބުނަމުން މިދަނީ މި ރާއްޖެ ތަރައްޤީކުރަން ވާނީ ޖަޒީރާ ޤައުމެއްގެ ގޮތުގައޭ. ކުދި ރަށްރަށުގައިވެސް ދިރިއުޅެން ބޭނުންވާ މީހުންނަށް ހަމަޖެހިލައިގެން އާއިލާއާއެކު އެ ރަށެއްގައި އުޅެވެންވާނޭ. މާލޭގެ ތޮއްޖެހުން ކުޑަކޮށް ހަމަނޭވާލެވޭ ތަނަކަށް މާލެ ވާންވާނޭ. އަޅުގަނޑުމެން ރަށްތައް ތަރައްޤީކުރަމުން މިދަނީ އެ ރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއެކު ދިރިއުޅެވޭނެ ގޮތް ހޯދައިދިނުމާއެކު މާލެއަށް ލުޔެއް ހޯދައި ދިނުމަށް. އިރާދަކުރެއްވިއްޔާ މިހާހިސާށް އާދެވިފައި މިވަނީ، އެރަށްތަކުގައި ދިރިއުޅޭ މީހުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތައް ލިބެން ފަށާފަ. ފެނާ ނަރުދަމާއާ، ބަނދަރާ މަގާ ކަރަންޓާ ދަތުރުފަތުރާ ތަޢުލީމާ ސިއްޙި ޚިދުމަތް މިދަނީ ތަރައްޤީކުރަމުން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫޢުތަކުގެ ނަތީޖާއަކީ ކޮންމެ ރަށަކީ ދިރިއުޅުން ފަށައިގަންނަން ރަނގަޅު ރަށަކަށް ވެގެން ދިއުންކަމަށާއި، އިޤްތިޞާދީ ހަރަކާތްތައް ހިންގުމަށް ފައްކާވެފައިވާ ރަށްތަކަކަށް ވެގެން ދިއުންކަމަށެވެ. މާލެއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ ޒަމާންވީ ބޮޑު ގޮންޖެހުމަށް ހައްލު ހޯދައިދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު މިހާރު ކުރިއަށްދާކަމަށެވެ.
"މި ފަސް އަހަރު ތެރޭގައި ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކަކީ ތިޔަ ބޭފުޅުން ހޯއްދެވި ކާމިޔާބީއެއް. މި ކާމިޔާބުގެ ފެށުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ތިޔަބޭފުޅުން އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން. މިއީ ތިޔަބޭފުޅުންނަށް، އެމްޑީޕީއަށް ޝުކުރު ހައްގުކަމެއް. އަދި ހަމައެހެންމެ މިވަގުތު އަޅުގަނޑުމެންނާއެކު ތިބި ކޯލިޝަންގެ ބައިވެރިން ކޮށްދެއްވި މަސައްކަތްވެސް އަޅުގަނޑު ހަނދާނެއް ނުނެތޭ. އެކަމަށްޓަކައި އެބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
މި ފަސް އަހަރުގެތެރޭގައި ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިވެވަޑައިގެންނެވިކަމަށާއި، ނަމަވެސް ކާމިޔާބީއަށް ވާސިލްވެވުނީ އެމްޑީޕީގެ މެންބަރުންގެ ތާޢީދާ އެއްބާރުލުމާ އެހީތެރިކަން ލިބިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ އެމްޑީޕީގެ މެންބަރުން ނިންމެވި ގޮތަށްކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިއަށްދާނީ ތިޔަ ބޭފުޅުންގެ ނިންމުމާ އެއްގޮތަށް. ތިޔަބޭފުޅުންގެ ވިސްނުމާވެސްއެއްގޮތަށް. ތަފާތުކުރުމެއްނެތި އެންމެނަށް މުޅި ރާއްޖެއަށް ހެވާއި ލާބަ ހޯދައިދިނުމަށް. މި މަސައްކަތުގައި ކުރިއަށް ދިއުމުގައި އަޅުގަނޑުގެ ދައުރަކީ އެމްޑީޕީއަށް، ތިޔަބޭފުޅުންނަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުން. އެއީ ރާއްޖެ މިބޭނުންވާ ހަމަޖެހުމާ ހަމަހަމަކަމާ ތަފާތު ނުކުރުމާ ތަރައްޤީ ގެނެވޭނީ އެމްޑީޕީން ވެރިކަމުގައި އޮވެގެންކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ. އަދި މިހާރު ފަށައިގެން މިކުރިއަށްދާ މަޝްރޫޢުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނީވެސް އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަމަށްވާތީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމާއި، މުޅި ރާއްޖޭގެ ކަރަންޓު އެތައް އަހަރަކަށް އެކަށޭނަ މިސްރާބަކަށް ޔަޤީންކުރުމަކީ އެމްޑީޕީގެ ވިސްނުމެއްކަމަށެވެ. އަދި އެއްގަމާ ކަނޑާ ވައިގެ ދަތުރުފަތުރުގެ ވިއުގައިން މުޅި ރާއްޖެ ގުޅާލުން ވެގެންދާނީ ދިވެހި އިޤްތިޞާދު އިންގިލާބުވާނެ ނާރެހަކަށްކަމަށާއި، އެއީ މުދަލާ، ޚިދުމަތާ، ވަޒީފާ މުޅި ރާއްޖެއަށް ފެތުރި އާމްދަނީގެ އެތައް ފުރުޞަތެއް އުފެދި، ޖީބަށް ވަންނަ ފައިސާ އިތުރުވެގެންދާނެ ސަބަބުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
""ދަންނަވަންތޯ އަޅުގަނޑަކީ ހަމަ އެމްޑީޕީ މީހެއް. ކުރިއަށް އޮތީ އިރާދަކުރެއްވިޔާ އުޖާލާ ދުވަސްތަކެއް. ތަނަވަސްކަމާ އުފާފާގަތި ޖަޒީރާ ދިރިއުޅުމެއްގެ ބަހާރު މޫސުމަކަށް އަލިވިލޭވިލުމެއް. ރާއްޖޭގެ އިޤްތިޞާދު ދެގުނަވެ ދައުލަތުގެ އާމްދަނީ ދެގުނަވެ، ވިޔަފާރިތަކާ އައު ސިނާއަތްތަކަށް ޖާގަ ލިބި، ވަޒީފާތައް އުފެދި ފަރުދުންގެ ފުދުންތެރިކަން އިތުރުވާ އައު ޒަމާނެއް. ހަޤީގަތުގައި އެމްޑީޕީއަކީ، ތިޔަ ބޭފުޅުންނަކީ މީގެކުރިން އުފަންވި މިރާއްޖޭގެ އައު ޒަމާން. އޭގެ ސަބަބުން ރާއްޖެއަށް ވީ ރަނގަޅާ ދިވެހިންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލު އެކަކަށްވެސް އޮޅިފައެއް ނޯންނާނެ."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަޑުއެހުމާ މަޝްވަރާގެ ޕާޓީކަމަށެވެ. އަބަދުވެސް ރައްޔިތުން އެދޭގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން ސާފުކުރަމުންދާކަމަށާއި، އަޑުއެހުމުގެ ޤާބިލްކަމާ ކެތްތެރިކަމާ އެހިކުމަތް އިސްކުރަންޖެހޭކަން އެމްޑިޕީގެ ކޮންމެ މެންބަރެއްގެ ހިތުގައި ބިންވަޅު ނެގިފައި އޮންނަކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ ސަބަބުން މިއަދު ކަންކުރަންވީ ގޮތާއި، މާދަމާކަންކުރަންވީގޮތް އެމްޑީޕީއަށް އެނގޭކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ މަޝްވަރާ ހޯއްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ކުރިއަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ނިކުމެވަޑައިގަންނަވާނީ ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލާއެކު ތައްޔާރުކުރާ މެނިފެސްޓޯއަކާއެކުކަމަށްވެސް ވިދާޅުވެފައެވެ.
ވޭތުވެމިދާ ދައުރަކީ އެ ވިސްނުމުގައި ރާއްޖޭގެ މުސްތަޤްބަލު ބިނާކުރާނެ ތަސައްވުރާއި އޭގެ ތަންފީޒީ މަރުހަލާގަކުރިއަށްދާ ފަސް އަހަރުކަމަށް ރައީސް ސިފަކުރެއްވިއެވެ. މި ދުވަސް ހޯދަން އެމްޑީޕީ ފަށާގަންތާ އަހަރުތަކެއް ވެއްޖެކަމަށާއި، އެއީ ބޮޑު ގުރުބާނީއަކާއި ކެތްތެރިކަން އިސްކުރި ދަތުރެއްކަމަށް ވިދާޅުވިއެވެ. އެ މަރުހަލާ އެމްޑީޕީ ކާމިޔާބުކޮށްފައިވާކަމަށާއި، އެމްޑީޕީން ކުރިއަށް އަޅަން އޮތީ އެންމެ ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުންކަމަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނީ އެއްބުރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.