ޚަބަރު

ޑްރަގް މައްސަލާގައި ވިޕު ނެރުނު ސަބަބު ސާފުކޮށްދީފި


ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ފުރުވާލެވޭ ގޮތަށް ހަދާފައިވާ ޤަވާއިދުގެ ބައިތައް އުނިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމި ސަބަބު ސާފުކޮށްދެއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ލަތީފް ވަނީ، ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެފަރާތަކާއިމެދު އަމަލު ކުރާގޮތެ ގަވާއިދުގައި މައްސަލަތައް ފާހަގަކޮށް ކުއްލި މައްސަލައެއް ހުށައަޅާފައެވެ. އައު ޤަވާއިދުގައި ހުރި މަސްތުވާތަކެތީގެ ޤާނޫނާއި ތަޢާރުޒުވާ ކަންކަން އުނިކުރަން ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ވޯޓަށް އެހުމުގެ ކުރިން ނިންމާފައެވެ.

ނަމަވެސް މި މައްސަލަ ބަލައި ގަތުމަށް ފާސްވީ 24 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެމްބަރުންނެވެ. މައްސަލަ ބަލައި ގަތުމަށް ފާސްވީ އެމްޑީޕީގެ ޕަލިމަންޓްރީގެ ގްރޫޕްގެ ބައެއް މެންބަރުންނާއި، އިދިކޮޅު މެމްބަރުންގެ ވޯޓާއިވެސް އެކުއެވެ. މިމައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމަށް ފާޑު ވިދާޅުވެ މިމައްސަލަ ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފް ވިދާޅުވީ މިފަދަ ޚައްސާސް މައްސަލައެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބަލައި ނުގަތުމަށް ނިންމުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.

މިވާހަތަކާއި ގުޅިގެން މިމައްސަލާގައި ޕީޖީ ގުރޫޕުން އަމަލުކުރި ގޮތް ސާފުކޮށް ދެއްވައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެޕާޓީގެ ޕީޖީ ގްރޫޕްގެ ގަވާއިދަކާއި ހަމަޖެހިފައިވާ އުސޫލުތަކެއް އޮންނަ ކަމަށެވެ. ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުންތަކަށް އެއްގޮތަކަށްވެސް ވަޑައިނުގަންނަވާ އަދި އެ މަޝްވަރާވެސް އެއްވެސް ގޮތަކަށް ނުލިބޭ މެންބަރުންވެސް ތިއްބަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދު ހުށަހެޅުނު މައްސަލަ ބަލައި ނުގަތުމަށް ޕީޖީ ގްރޫޕުން ނިންމީ ސަރުކާރުން ޑްރަގް ޓްރެފިކް ކުރުމަށް ޖާގަދޭކަމަށް އެ މައްސަލާގައި ބުނެފައިވާތީއާއި، ޤާނޫނާއި ޚިލާފަށް ގަވާއިދެއް ހަދާފައި އޮތްކަމަށް މައްސަލައި އޮތުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނާއި ޚިލާފަށް ގަވާއިދެއް ހަދާފައިވާނަމަ އެއަށް ޗެލެންޖު ކުރެވޭނީ ކޯޓުގައި ކަމަށެވެ. މަޖިލީހަށް ޖާގަ ލިބިގެންވަނީ އާންމު ގަވާއިދުތަކާއި ބެހޭ ޤާނޫނުގެ ދަށުން ހިންގާ ގަވާއިދުތަކަށް ބަދަލު ގެނައުމަށް ކަމަށާއި، އެނޫން ގަވާއިދުތަކަށް ބަދަލު ގެނައުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިމައްސަލާގައި ގާނޫނާއި ޚިލާފަށް ގަވާއިދެއް ހަދަފައިވާކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި މިސަރުކާރުން ޑްރަގު އެތެރެ ކުރުމަށް ހިންގާ އެތައް އޮޕަރޭޝަނެއް ހުއްޓުވައި، އެތައް ޑްރަގެއް މިވީ ހަތަރު އަހަރުގެ ތެރޭގައި ނައްތާލާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"މިސަރުކާރުން 1.3 ޓަނަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ. އަދި 2018 ވަނަ އަހަރުގެ ކުރިއާއި އެއްކޮށް 2.8 ޓަނުގެ މަސްތުވާތަކެތި ވަނީ ނައްތާލާފަ." އަސްލަމް ވިދާޅުވިއެވެ.

މި މަހުގެ ތެރޭ ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވެއެވެ. އޭނާ އެތެރެކުރި 6.2 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގުގައި 5.6 މިލިއަނަށް އަރައެވެ. ކަސްޓަމްސްއިން ވަނީ އެ މަސްތުވާތަކެތި އަތުލާގަނެފައެވެ. އަދި އެ މަސްތުވާތަކެތި ގެނައި މީހާ ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވެފައިވެއެވެ. އެމީހާ ފޮނުވާލާފައިވަނީ އަލަށް ޢަމަލުކުރަން ފެށި ގަވާއިދަށް ރިއާޔަތްކޮށްގެން ކަމަށް ބުނެފައިވެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް އަމަލުކުރީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ތަންފީޒީ އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.