ޚަބަރު

އަމީނީމަގުގައި ނިމިފައިހުރި ސެގްމެންޓްތަކުގައި ތާރުއަޅަން އެމްޓީސީސީއަށް


އަމީނީ މަގުގައި މިހާރު މަސައްކަތް ނިމިފައި ހުރި ސެގްމެންޓްތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ އަމީނީ މަގުގައި މިހާރު މަސައްކަތް ކުރިއަށްދާ ސެގްމެންޓްތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އަމީނީމަގުގައި ތާރުއެޅުމަށް އާރްޑީސީން ގެނައި މެޝިން ބަހައްޓާނެ ޖާގަ މިނިސްޓްރީން އަދި ހަމަޖައްސައި ނުދެވޭތީ މިމަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަކްރަމް ވިދާޅުވީ މެޝިން ބަހައްޓާނެ ޖާގަ އާރްޑީސީއަށް ހަމަޖައްސާ ދެވުމުން ކުރިއަށް އޮތްތަނުގައި މިމަސައްކަތް ކުރިއަށް ގެންދާނީ އާރްޑީސީން ކަމަށެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސަބް ފޭސް ހެދުމުގެ މަސައްކަތް ކަމަށާއި 7 ދުވަސްތެރޭގައި މިހާރު މަސައްކަތް ނިމިފައި ހުރި ސެގްމެންޓްތަކުގައި ތާރުއަޅާ ނިމޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނޭއިރު، މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސެގްމެންޓް 4 ގައި ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތްތައް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީނީމަގުގެ މަޝްރޫޢާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، އަމީނީމަގުގެ މަޝްރޫޢުގެ އެއްބަސްވުން އެންމެ ފުރަތަމަ އެކުލަވާލީ މި ހިނގާ ފެބްރުއަރީމަހުގެ ނިޔަލަށް މަސައްކަތް ނިންމާގޮތަށްކަމަށެވެ. ނަމަވެސް މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ދިމާވި ދަތިތަކާގުޅިގެން އައިސްފައިވާ ލަސްވުންތަކުގެ ސަބަބުން މަޝްރޫޢު ނިންމަން ކަނޑައަޅާފައިވާ މުއްދަތު ސެޕްޓެމްބަރުމަހަށް އިތުރުކޮށްފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022 ގައެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ 12 ސެޕްޓެމްބަރު 2022ގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.