ޚަބަރު

ތިލަމާލެ ބްރިޖު: ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފި


ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގައި މާލޭގައި އެއްގަމުން ޖަހާ ތަނބުތަކުގެ މަސައްކަތް ނިމި، މާލެއާއި ވިލިމާލެއާއި ދެމެދު ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފިއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް މާލެއާއި ގުޅޭނީ، މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުންނެވެ. ބްރިޖްގެ ދާއިމީ ތަނބުތަކުގެ މަސައްކަތުގައި ފުރަތަމަ ކުރިއަށްގެންދިޔައީ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން، ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މިޕްރޮޖެކްޓާއި ހަވާލުވެ ހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޖިނާން ވިދާޅުވީ މާލެއިން އެއްގަމުގައި ޖަހާ 3 ތަނބުގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ. އަދި މިހާރު ކަނޑުގައި ޖަހާ ތަނބުތަކުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް ޖިންނާން ވިދާޅުވިއެވެ. މިއީ މި ޕްރޮޖެކްޓްގައިވެސް ކަނޑުގައި ޖަހާ ފުރަތަަ ދާއިމީ ތަނބުގެ މަސައްކަތެވެ.

އެގޮތުން މި ތަނބުގެ ޕައިލިން ލައިނަރ ނުވަތަ، ޕައިލްގެ ސްޓާރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށް ޖިނާން ވިދާޅުވިއެވެ.

ވިލިމާލޭގައިވެސް ބްރިޖްގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ޖިނާން ވިދާޅުވީ ވިލިމާލެއާއި ބްރިޖް ގުޅޭ ސަރަޙައްދުން ބައެއް ހިއްކަންޖެހޭކަމަށެވެ. އެގޮތުން ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލްގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ޖިނާން ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ. އަދި މިހާރު މަސައްކަތްތައް ކުރިއަށްދާގޮތަށް ބަލާއިރު ފޭސް އެކެއްގައި ހިމެނޭ، މާލެއިން ގުޅީފަޅާއި ހަމައަށް ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރަށް ނިންމާނެކަމަށެވެ.

ތިލަފުއްޓާއި ހަމައަށް ބްރިޖް ގުޅާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާއި ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ ޢަމާޒު ހިފާފައެވެ.

މި މަޝްރޫއުގެ ދަށުން 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.