ޚަބަރު

ޔުނިވަރސިޓީ މުވައްޒަފުންގެ މުސާރަ އަންނަމަހު ބޮޑުވާނެ: ރައީސް


ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ މުވައްޒަފުންގެ މުސާރައަށް އަންނަމަހު ހެޔޮ ބަދަލު އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ސަރުކާރުން މުސާރައަށް ގެންނަމުންދާ ހެޔޮ ބަދަލުގެ ތަފްސީލް ޙިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި %35 އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް މޭއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއެލަވަންސް ލިބެން ފަށާނެކަމަށެވެ.

ސަރުކާރުން ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދޭން ފެށީ މިދިޔަ އަހަރުއެވެ. މީގެތެރޭގައި ހިމެނެނީ ސްކޫލްތަކުގެ މުދައްރިސުންނާއި މުވައްޒަފުންނެވެ. އަދި ޔުނިވަރސިޓީ މުވައްޒަފުންގެ މުސާރަވެސް އަންނަމަހު ތެރޭގައި ބޮޑުކުރުމަށް ނިންމާފައިވާކަން ރައީސްމިވަނީ ހާމަކުރައްވާފައެވެ.

"އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް އެ ހެޔޮ ބަދަލު އަންނާނެ. ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާއި އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސައްކަތާއި ދިރިއުޅުމުގެ މާހައުލުގައި ގާނޫނުގެ ރައްކާތެރިކަމާ ޙިމާޔަތް އޮންނަން ޖެހޭކަމަށެވެ. އެގޮތުން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލް، ސަރުކާރުން މިހާރު މަޖިލީހަށް ފޮނުވާފައިވާކަމަށެވެ.

އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަޖިލީހުގެ މިދައުރަށް ސަރުކާރުން ފޮނުވާނެކަމަށެވެ. މަޖިލީހުގެ މިދައުރުގައި މިބިލްތަކުގެ މަސައްކަތް ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ މެންބަރުންނަށް ދަންނަވާފައެވެ.

ސަރުކާރުން މުސާރައަށް ގެންނައި ހެޔޮ ބަދަލުގެ ތެރޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރެވީ މިނިމަމް ވޭޖު ކަނޑައެޅުމަށެވެ. ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ މަސައްކަތްތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށާއި، މި ބަދަލުގެ ހެޔޮ އަސަރު ސީދާގޮތުން 33500 އަށްވުރެ ގިނަ މަސައްކަތްތެރިންނަށް ކުރަމުންދާކަމަށެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގެ ސަރވިސް ޗަރޖް ދޭން ލާޒިމުކޮށް ގެނައި ބަދަލާއެކު މަދުވެގެން %10 ސަރވިސް ޗާޖެއް ނަގާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުމަށް ޤާނޫނުން ވަނީ ލާޒިމުކޮށްފައެވެ.