ޚަބަރު

މާލެ ސަރަޙައްދުން އިތުރު ގޯތި ދިނުމަށް ރައީސް ނިންމަވައިފި


މިހާރު ދިނުމަށް ނިންމާފައިވާ 5000 ގޯތީގެ އިތުރުން މާލެ ސަރަޙައްދުން އިތުރު ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިގޮތަށް ނިންމަވާ އިޢުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުުމްހޫރިއްޔާ މިއަހަރަށް ދެއްވި ރިޔާސީ ބަޔާނުގައި އިޖުތިމާޢީ ކުރިއެރުމާއި ގުޅޭ މުހިންމު ވާހަކަތަކެއް ވަނީ ޙިއްސާކުރައްވާފައެވެ. ޚާއްސަކޮށް ޒާމާނުއްސުރެ މާލެ ސަރަޙައްދަށް އޮތް ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައާއި، އަތޮޅުތަކުގައި އާބާދީ އިތުރުވަމުން އަންނަ ރަށްތަކަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާ، އޭގެ ކާމިޔާބު ރައްޔިތުންނާއި ހަމައަށް ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވި ވާހަކަތަކުގެ ހަގީގީ މަންޒަރު މިއަދު ފެންނަމުންދާކަމަށް ވިދާޅުވިއެވެ.

"އެ ދުވަހު ދެންނެވިގޮތަށް އެ މަސައްކަތް ނިންމުމަށް ސަރުކާރުން ހިފި އަމާޒުގާ އެއްވެސް ކަސިޔާރު ކަމެއް ނެތް. ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތް ނިންމާ، ރައްޔިތުން ބޯހިޔާވަހިކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިޢުލާނުކުރެއްވީ މާލޭ ރައްޔިތުން 5000 ގޯތި ދޫކުރުމާއި، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް 4000 ފްލެޓް ދޫކުރުމަށެވެ.

ސަރުކާރުން މާލެ ސަރަޙައްދުން ދިނުމަށް ނިންމި 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށް މިދިޔަ އަހަރު ޖޫންގައި ހުޅުވާލިއެވެ. އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗާއި، ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. ދެން ހިމެނެނީ މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކާ އެތަނުން ދޫކުރުމަށް ނިންމާފައިވާ 2000 ގޯއްޗެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅިކަމަށް ރައީސް ވިދާޅުވިއެވެ. ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހެޅިކަމަށެވެ. މި ފޯމުތަކުގެ ސައްޙަކަން ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރިއަށެވެ.

"މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން. މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު، އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުތަކުގައި ސަރުކާރުން ތަރައްޤީކުރަމުންދާ ހައުސިން ޔުނިޓްތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭމަހުގެ ނިޔަލަށް އެއްކޮށް ނިންމާނެކަމަށެވެ. އަދި އިތުރު 2200 ހައުސިން ޔުނިޓްގެ މަސައްކަތް މިވަގުތުވެސް އަތޮޅުތަކުގައި ހިންގަމުންދާކަމަށެވެ. މީގެއިތުރުން ސަރުކާރުން ދެން ކުރަންވަމުންދާ މުހިންމު މަސައްކަތަކީ ބޯހިޔާވަހިކަމަށް ދޫކުރަމުންދާ ގެދޮރުވެރިޔާ ލޯންގެ މަސައްކަތްކެވެ. މި ލޯނަށް އެދި މިހާތަނަށް 579 މީހުން ފޯމު ހުށައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ގެދޮރުވެރިޔާ ލޯނުގެ %55 ވަނީ އެޕްރޫވް ކުރެވިފައި. އަދި 249 ފަރާތާއެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރެއްވިއްޖެ." ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރައްޔިތުން އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙާއްލު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އެއް ރިޔާސީ ވަޢުދެވެެ. މިހާތަނަށް އައިއިރު އަތޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތައް ނިމި އެތަންތަނުގައި ވަނީ ދިރިއުޅެން ފަށާފައެވެ.