ވިޔަފާރި

އަހަރުގެ ފުރަތަމަ މަހު ޓެކްސް އާމްދަނީ 2 ގުނަ އިތުރު


މިއަހަރުގެ ޖަނަވަރީ މަހު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، 1 ޖެނުއަރީން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީ.ޖީ.އެސް.ޓީ ރޭޓް %12 އިން %16 އަށް ވަނީ ބޮޑުވެފައެވެ. އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޓެކްސް ނުވަތަ ޖީ.އެސް.ޓީ ރޭޓް %6 އިން %8 އަށް ވަނީ ބަދަލުވެފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 863.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 436.2 މިލިއަނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 2 ގުނަ އިތުރުވުމެކެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ މުޅި ޖުމްލަ 704.4 މިލިއަން ރުފިޔާއެވެ. އަދި ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 159.4 މިލިއަން ރުފިޔާއެވެ.

ސަރުކާރުން ޓެކްސްގެ ރޭޓު ބޮޑުކޮށްފައިވަނީ އިޤްތިސާދީގޮތުން އަންނަ ލޮޅުންތަކުން ސަލާމަތްވުމަށެވެ. ޓެކްސް ބޮޑުކުރުމަކީ މިވަގުތައް އަޅަން އޮތް އެންމެ ރަނގަޅު ފިޔަވަޅުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތަކަށް ގެންނަ ބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށެވެ. އެހެންކަމުން ޓެކްސްއަށް ގެނައި ބަދަލުތަކާއެކު ދައުލަތަށް މިހާރު ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.