ކުންފުނިތަކުން ދޭ ޚިދުމަތަށް މަގު ކޮނެގެން ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލަށް ދައްކާ ފީ، އެންގުމަކާނުލާ ބޮޑުކުރުމާއި ގުޅިގެން މާލޭ ކައުންސިލް ގޮވައިގެން ކޯޓަށް ދިއުމަށް ނިންމާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޓެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ކައުންސިލަށް ދައްކާ ފީތައް، %100 އަށްވުރެ ބޮޑުކޮށްފައިވާކަމަށެވެ. މިއާއި ގުޅިގެން، ސްޓެލްކޯއިން އާއްމުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމަށް މަޖުބޫރުވެ، އެކަމުގެ ގެއްލުން އާއްމު ރައްޔިތުންނަށް ކުރިމަތިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯގެ މައްސަތްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ ޝަރީފް ވިދާޅުވީ، މަގު ކޮނުމުގެ މަސައްކަތަކަށް ސިޓީ ކައުންސިލުން ނަގާ ފީ ބޮޑުކޮށްފައިވަނީ، މިފަދަ މަސައްކަތް ކުރާ އެއްވެސް ކުންފުންޏަކާ މަޝްވަރާކުރުމެއް ނެތި އަދި އެންގުމަކާވެސް ނުލާކަމަށެވެ. މި އުޞޫލަށް ޢަމަލުކުރަން ފަށަންޖެހޭކަމަށް ސިޓީ ކައުންސިލުން ބުނެފައިވަނީ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. ނަމަވެސް ޝަރީފް ވިދާޅުވީ މި އުޞޫލު ކައުންސިލުން ގެޒެޓްކުރީވެސް، ޖެނުއަރީ ދެވަނަ ދުވަހުކަމަށެވެ.
ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން ގެނައި ބަދަލަށް ޢަމަލުކުރަން ފެށުމުގައިވެސް، އެއްވެސް މުޙުލަތެއްވެސް ދީފައި ނުވާކަމަށެވެ. އަދި ކުރިއާލާ އެކަން އަންގާފައިވެސް ނުވާކަމަށެވެ.
"މިއާގުޅޭގޮތުން މިފަދަ ޚިދުމަތްދޭ އެއްވެސް ކުންފުންޏަކާ މަޝްވަރާއެއް ނުކުރޭ. ސްޓެލްކޯއިން ދެކެނީ މިއީ ބާތިލު އުސޫލެއްކަމަށް. އެލް.ޖީ.އޭގެ ޤާނޫނުގައި ބުނާގޮތަށް، މިކަމުގައި އެލް.ޖީ.އޭއާވެސް މަޝްވަރާ ނުކުރޭ. މިއީ ބާތިލު އުސޫލެއްކަމަށް ކަނޑައެޅައިދިނުމަށް ކޯޓަށް ދާނަން." ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއިން ވަނީ ކައުންސިލުން ބޮޑުކޮށްފައިވާ އަގުތަކުގެ ތަފްސީލް މީޑިއާއި ޙިއްސާކުރައްވާފައެވެ.
އެގޮތުން މަގުގެ ޕޭމަންޓް ކޮނެގެން ކުރާ މަސައްކަތަކާއި، މަގުން ގައު ނަގައިގެން ކުރާ މަސައްކަތާއި އަދި ޖަންކްޝަންތަކުގައި ކުރާ މަސައްކަތަށް ކުރިން ފީ ނަގަމުން އައިސްފައެއް ނުވެއެވެ. ނަމަވެސް ސިޓީ ކައުންސިލުން ފަހުން ގެނައި ބަދަލުގައި ޕޭމަންޓް ކޮނެގެން ކުރާ މަސައްކަތަށް ފޫޓަކަށް 25 ރުފިޔާ، އަދި މަގުން ގާ ނައިގެން ކުރާ މަސައްކަތަށް ފޫޓާކަށް 100 ރުފިޔާ ނެގުމަށް ވަނީ ހިމަނާފައެވެ. އަދި ޖަންކްޝަނަކާއި ގުޅޭ މަސައްކަތެއް ކުރާނަމަ ކޮންނަ ކޮންމެ ފޫޓަކަށް 300 ރުފިޔާ ދައްކަން ޖެހެއެވެ.
މީގެއިތުރުން މަގުގައި ސައިން ބޯޑު ބެހެއްޓުމަށް ކުރިން ދައްކަމުން އައި 60 ރުފިޔާ، 200 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އަދި މަގު ބަންދުކޮށްގެން ކުރާ މަސައްކަތަށް ކުރިން ފޫޓަކަށް 150 ރުފިޔާ ނެގިނަމަވެސް މި އަދަދު ވަނީ 300 އަށް ބޮޑުކޮށްފައެވެ.
ޝަރީފް ވިދާޅުވީ، މި އުޞޫލާއެކު ބިލް ކުރަން ފެށުމުން، ގޭގެއަށް ކަރަންޓު ގުޅައިދިނުމާއި ޔޫޓިލިޓީއާގުޅުންހުރި އެހެނިހެން ޚިދުމަތްތަކަށް ކުރިން އާންމު މީހާ 30000 ރުފިޔާ ދައްކަންޖެހޭ ޚިދުމަތަކަށް، މިހާރު 80000 އަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭކަމަށެވެ. މިއީ ގާތްގަނޑަކަށް %154 ބޮޑުވުމެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.