ޚަބަރު

އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ އަގު ކުޑަކުރަނީ


އާމްދަނީއެއް ނުލިބޭފަދަ އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ އަގު ކުޑަކުރުމަށް، ސްޓެލްކޯއިން ނިންމައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ ކަރަންޓު ޓެރިފްގެ ތެރެއަށް "އިޖުތިމާޢީ ކެޓަގަރީ"އެއް އިތުރުކުރުމަށް މިހާރު މަޝްވަރާ ކުރަމުންދާކަމަށެވެ.

ސްޓޭލްކޯގެ މަސައްކަތަކާއި ގުޅޭ މަޢުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، އާއްމު އިޖުތިމާޢީ ޚިދުމަތްތައް ދޭ ތަންތަން މިހާރު ކެޓަގަރީ ކުރަނީ ވިޔަފާރި ޓެރިފްގެ ތެރެއިންކަމަށެވެ. ވިޔަފާރި ޓެރިފަކީ، ގޭބިސީތަކުން ނަގާ އަގަށްވުރެ ބޮޑުކޮށް އަގު ނަގާ ޓެރިފެކެވެ. މިއާއެކުގައި އާއްމު ޚިދުމަތްތައް ދޭ ތަންތަން ނުވަތަ، އެއްވެސް އާމްދަނީއެއް ނުލިބޭގޮތަށް ޚިދުމަތްދޭ ތަންތަނުން ކަރަންޓަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ވިސްނުން މިހާރު ބަހައްޓާފައިވަނީ އާމްދަނީ ނުލިބޭ، އާއްމު ޚިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ ފީއަށް ބަދަލު ގެނައުމަށްކަމަށެވެ. އަދި އެކަމަށްޓަކާ ޚާއްސަ ޓެރިފް ކެޓަގަރީއެއް އެކުލަވާލުމަށް، ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާވެސް މަޝްވަރާ ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިސްކިތްތައް، ފުޓުބޯޅަ ދަނޑު، މަގުތައް އަލިކުރުން، މިކަންކަމަކީ އެއިން އާމްދަނީއެއް ލިބޭ ކަންކަމެއް ނޫން. އެހެންވީމާ މި ދާއިރާތަކަށް ޚާއްސަކޮށް "އިޖުތިމާއީ ކެޓަގަރީ"އެއް އުފެއްދުމަށް ފެނޭ. އެކަމަށް މަޝްވަރާ ކުރަމުން ދަނީ." ޝަރީފް ވިދާޅުވިއެވެ.

މިހާރު މިތަންތަނުން ކަރަންޓު އަގު ނަގާ ވިޔަފާރި ކެޓަގަރީއަކީ، ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް އަދި ގެސްޓް ހައުސް ގަދަ ވިޔަފާރިތަކާއި އެއްހަމައެއްގައި އަގު ނަގާ ތަންތަނެވެ.

މާލެ ސިޓީގައި ވިޔަފާރިތަކުގެ ކަރަންޓު ބޭންޑުގެ 300ޔުނިޓުން ފެށިގެން 10000ޔުނިޓާ ދެމެދުގެ އަގު އުޅެނީ، 3.65 ރުފިޔާއާއި 5.75އާއި ދެމެދުއެވެ. އަދި އަތޮޅުތަކުގައި 300ޔުނިޓުން މަތީގެ ކޮންމެ ޔުނިޓަކަށް 6 ރުފިޔާ ނަގައެވެ.