ޚަބަރު

ޖޯނަސް ބްރަދާސްގެ އައު އަލްބަމަކީ "ދަ އަލްބަމް"


ހޮލީވުޑްގެ އެއްބަޑު އެއްބަފާ 3 ބެއިން ހިމެނޭ މިއުޒިކް ބޭންޑް ޖޯނަސް ބްރާދަސްގެ ކުރިއަށް އޮތް އަލްބަމް އިޢުލާނުކޮށްފިއެވެ.

މި އަލްބަމް އިޢުލާނުކުރީ މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުންނަށް އަގުވަޒަން ކުރުމުގެ ގޮތުންދޭ ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ތަރި ބޭންޑާއި ހަވާލުކުރުމުގެ ޙަފުލާގައެވެ. ގިނަ ޢަދަދެއްގެ ސަޕޯޓަރުންވެސް ބައިވެރިވި މި ޙަފްލާގެ ތެރެއިން އައު އަލްބަމް އިޢުލާންކުރަމުން ނިކް ވަނީ "ދަ އަލްބަމް" އަންނަ މެއިމަހުގެ 5 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާކަމުގެ އުފާވެރި ޚަބަރު ފޭނުންނާއި ހިއްސާކޮށްފައެވެ.

ޖޯނަސް ބްރަދާސްގެ އައު އަލްބަމް އިޢުލާންކުރުމުގެ އިތުރުން، މި ޙަފްލާގެ ތެރެއިން މީޑިއާތަކުގެ ސަމާލުކަން އިތުރު ކަމަކަށްވެސް ލިބިގެންދިޔައެވެ. އެއީ ބޭންޑުގެ އެއް މެންބަރުކަމަށްވާ ނިކް ޖޯނަސްއާއި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޖޯޕްރާ ޖޯނަސްގެ އަންހެން ދަރިފުޅުގެ މޫނު ފެންނަ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާއްމުވެގެންދިއުމެވެ.

ޖޯނަސް ބްރަދާސްގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި މި ޙަފްލާގެ ތެރެއިން އެ ދެމަފިރިންގެ ދަރިފުޅު މާލްތީ މަރީ ޗޯޕްރާ ޖޯނަސް، މަޑު ކްރީމް ކުލައިގެ ހެދުމެއްގައި ޕްރިޔަންކާއާއެކު އޯޑިއަންސްގެ ތެރޭގައި ހުއްޓާ ނަގާފައިވާ ފޮޓޯތަކެއްވެސް މިވަނީ ވައިރަލްވެފައެވެ. ޖޯނަސް ބްރަދާސްއަށް މަރުޚަބާ ކިޔާ ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓުގައިވެސް މާލްތީގެ މޫނު ފެންނަ ވީޑިއޯއެއް ހިމަނާފައިވެއެވެ.

ޖޯއި ޖޯނަސް، ނިކް ޖޯނަސް އަދި ކެވިން ޖޯނަސް ހިމެނޭ މި ބޭންޑުގެ "ދަ އަލްބަމް" ނެރެނީ 2019 ވަނަ އަހަރު ރިލީޒްކުރި އެމީހުންގެ ކަމްބޭކް އަލްބަމް "ހެޕީނެސް ބިގިންސް" ރިލީޒް ކުރުމަށް ފަހުގައެވެ.

އޭގެ ފަހުން އައި 3 އަހަރު ނިކް ޖޯނަސް އާއި ޖޯ ޖޯނަސް ވެސް ވަނީ އެމީހުންގެ ބޭންޑަށް އެއްވެސް ގޮތަކުން ހުރަހެއް ނާޅައި އެމީހުންގެ ސޯލޯ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންނެވެ.

"ދަ އަލްބަމް" ވެގެންދާނީ އެމީހުންގެ 6 ވަނަ ސްޓޫޑިއޯ އަލްބަމަށެވެ. "ހެޕީނެސް ބިގިންސް" ގައި ރަޔަން ޓެޑާއާ އެކު މަސައްކަތް ކުރިއިރު، ޖޯނަސް ބްރަދާސް އިން ޖޯން ބެލިއަން އާއި އެކު ކުރިއަށް އޮތް އަލްބަމްގައި ޕާޓްނަޝިޕް ހަދާނެއެވެ.