ރާއްޖޭގެ ދަނޑުވެރިކަމަށް އިންގިލާބީ ބަދަލެއް ގެނައި ކުންފުންޏަކީ މި ސަރުކާރުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއެވެ. އެގްރޯނެޓުން ވަނީ ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދަނޑުވެރިންނަށް ތަކެތި އުފެއްދޭނެ މަގު ފަހިކޮށްދީ އަދި އެމީހުންގެ އުފެއްދުންތައް ބާޒާރުގައި މާކެޓްވެސް ކޮށްދެމުންނެވެ.
ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި އެގްރޯނެޓުން ވަނީ ޑިސްޓްރިބިއުޝަން ސެންޓަރުތައްވެސް އަޅާފައެވެ. އަދި އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ ދަނޑުވެރިން ހައްދާ ތަކެތި ފަސޭހަކަމާއިއެކު އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި ބޯޓުތަކެއް ބަނުމުގެ މަސައްކަތް ކުރަމުންނެވެ.
އެގްރޯނެޓުން މިހާރު ވަނީ މި ބޯޓުތައް ބަނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. އެގްރޯނެޓުން ބަންނަނީ 65 ފޫޓުގެ ފައިބަރގްލާސް 2 އުޅަނދެވެ. އެގްރޯނެޓުން ބޯޓުތައް ބަނުމަށް ހުޅުވާލާފައިވާއިރު މީގެކުރިން އެ ކުންފުނިން ބުނެފައިވަނީ ބޯޓުތައް މި އަހަރު ބޭނުންކުރަން ފެށޭނެކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުގެ ގިނަ ދަނޑުވެރިންނާއެކު އެގްރޯނެޓުން މަސައްކަތް ކުރަމުންދާއިރު އެ ކުންފުންޏަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިތަކެތި ރަށްރަށަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ނެތުމެވެ. އެހެންކަމުން މި ބަންނަ ބޯޓުތަކާއިއެކު ރަށްރަށާއި ރިސޯޓުތަކަށް ފަސޭހަކަމާއި ތާޒާކަމާއިއެކު ދަނޑުވެރިންގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.
އެގްރޯނެޓާއި ގުޅިގެން ދަނޑުވެރިން ހައްދާ ތަކެތި މިހާރު ފޮނުވަނީ ރާއްޖޭގެ ދަތުރުފަތުރުކުރުމުގައި އާންމުކޮށް ބޭނުންކުރާ ބޯޓުތަކުގައެވެ. މި ބޯޓުތަކުގައި މިކަން ކުރުމުގެ ސަބަބުން އެގްރޯނެޓަށް އެއްވެސްކަހަލަ ކޮންޓްރޯލެއް ނޯންނަކަމަށް އެ ކުންފުނިން ބުނެއެވެ.
ދަނޑުވެރިކަމުގެ ބާވަތްތަކަކީ ވަރަށް ބޮޑަށް ހަލާކުވާ ޒާތުގެ ތަކެއްޗަށްވުމުގެ ސަބަބުން ރަނގަޅަށް ރައްކާކުރެވޭނެ އިންތިޒާމް ހުންނަންޖެހެއެވެ. ނަމަވެސް އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ ބޯޓުތަކުގައި މިފަދައިން ސްޓޯކުރެވޭނެ އިންތިޒާމް ނެތުމަކީ ދިމާވާ ދައްޗެއްކަމަށް އެގްރޯނެޓުން ބުނެއެވެ. އެހެންކަމުން އެގްރޯނެޓްގެ ވިސްނުމަކީ ދިގު މުއްދަތަކަށް ގިނަ ދުވަހު ބެހެއްޓޭނެ ގޮތަކަށް ފަރުމާކުރުމަށްފަހުގައި ބޯޓުތައް ބަނދެ ދަނޑުވެރިންނާއި ހަމައަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެގްރޯނެޓުން މިހާތަނަށް ރާއްޖޭގެ 68 ރަށަކަށް ދަތުރުކޮށް އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއާއި ގުޅޭ މައުލޫމާތާއި ދަނޑުވެރިކަމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
އެގްރޯނެޓްގައި 2000 އަށްވުރެ ދަނޑުވެރިން މިހާރުވެސް ވަނީ ރަޖިސްޓްރީވެފައެވެ. އެ ކުންފުންޏާއެކު ސޮއިކޮށްގެން 1000 ދަނޑުވެރިން މަސައްކަތް ކުރާއިރު، އޭގެތެރެއިން ދަނޑުގައި ތަކެތި ހައްދައިގެން މަސައްކަތްކުރާ 300 އަށްވުރެ ގިނަ ދަނޑުވެރިން އެބަތިބިކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.