އައްޑޫ ސިޓީގައި ޤާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް އަންނަ ޖުލައިމަހަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ރީޖަނަލް ވޭސްޓްމެނޭޖްމަަންޓް ފެސިލިޓީގައި ޤާއިމުކުރާ މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކޮށްފައިވާ ޕްލާންޓެކެވެ. 1.5 މެގަ ވޮޓްގެ ކަރަންޓް އުފައްދާ މި ޕްލާންޓުން އުފައްދާ ކަރަންޓްގެ 1 މެގަވޮޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާ ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯ ވޮޓު ބޭނުން ކުރާނީ މިފެސިލިޓީ ހިންގަންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މި ޕްލާންޓަށް ބޭނުންވާ އިންސިނަރޭޓަރުތައް ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައެވެ. މި ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު ކުރަމުން އަންނަނީ މި ޕްލާންޓް ހިންގުމަށް ހަދަން ޖެހޭ ކޮންޓްރޯލް އިމާރާތާއި ކުނި ޖަމާކުރާ އިމާރާތުގެ މަސައްކަތް ކަމަށެވެ. މި ދެ އިމާރާތުގެ މަސައްކަތުގެ އަގަކީ 41.9 މިލިއަން ރުފިޔާއެވެ.
އައްޑޫ ސިޓީގައި ޤާއިމުކުރާ މި ޕްލާންޓްގެ ސަބަބުން ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ކުނީގެ މައްސަލައަށް އިންގިލާބީ ބަދަލެއް އަންނަ މަންޒަރު ފެނިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.
އައްޑޫގައި ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗަރ އިންނެވެ. މިއީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. އަދި މިއީ ގްރީން ފަންޑުން ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢެވެ.
މިމަޝްރޫޢުގެ ދަށުން އަތޮޅުތެރޭގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމަށް ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢެވެ. މިއާއެކު ރާއްޖޭގެ ރަށްތަަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކުނިން ހަކަތަ އުފައްދާ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރަށް މިހާރު ސަރުކާރުން ވަނީ އައްޑޫ ސިޓީގައި ނުރައްކާތެރި ކުނި ރައްކާކުރާ ފެސިލިޓީއެއް އެޅުމަށްވެސް ނިންމާފައެވެ.