ޚަބަރު

އެމްޑީޕީ ޕްރައިމަރީގައި 243 ވޯޓު ފޮށި، މޮނިޓަރުންނަށް ހުލުވާލައިފި


މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް އާންމުކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މިމަހުގެ 28ގައެވެ. އެމްޑީޕީން ބުނީ އެ އިންތިޚާބުގައި 200އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓަން އެޕާޓިން ނިންމާފައިވެއެވެ.

މާލެ ސަރަހައްދުގައި ވޯޓު ފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ، އަމީނިއްޔާ، އެމްއެންޔޫ، އިސްކަންދަރު، ހިރިޔާ، އިމާދުއްދީން، މާފަންނު މަދަރުސާ، ތާޖުއްދީން އަދި އިއްޒުއްދީން ސްކޫލާއި، ރެހެންދި އަދި ކަލާފާނު ސްކޫލްގެ އިތުރަށް މުހިއްދީން ސްކޫލްގައެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ އެރަށެއްގެ ސްކޫލްތަކުގައެވެ.


މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިޚާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީޑިއާތަކަށް ވެސް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ 12:00އާއި ހަމައަށެވެ. ކޮންމެ ވޯޓު ފޮއްޓެއްކައިރި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން 2 މީހަކަށް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީގެ ވޯޓާސް ލިސްޓުވެސް މިހާރު އާންމުކޮށްފައެވެ. އެ ލިސްޓުގައި ހިމެނެނީ 57،257 މީހުން ވޯޓު ލެވޭނެކަމަށް ބުނެފައިވެއެވެ.

މި ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް މިހާރު ދަނީ ކުރިއަށެވެ.