ކެމްބޯޑިއާއާއި ރާއްޖެއާ ދެމެދު 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ އެ ގައުމުގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. އެގޮތުން ސޮއި ކުރެއްވި އެއްބަސްވުމުންތަކުގެ ތެރޭގައި ވިސާއާއި ނުލައި ދެޤައުމުގެ ރައްޔިތުންނަށްވެސް ދަތުރުކުރެވޭނެ އެއްބަސްވުމާއި، ސިއްހީ ދާއިރާ، އިގްތިޞާދީ ދާއިރާ، އަދި ފަތުރުވެރިކަމުގެ ދާއިރާއާއި، ޚާރިޖީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ.
ވިސާގައި ލުއިތައް ދިނުމަށް ވެވުނު އެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، ބޮޑުވަޒީރުގެ ނައިބު، އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް އެއްގައުމު އަނެއް ގައުމަށް ވިސާ ނުލާ 30 ދުވަހު ތިބުމުގެ ފުރުސަތު ލިބިގެންދެއެވެ.
ޚާރިޖީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުމުގެ ގެ ސަބަބުން ރާއްޖެއާ ކެމްބޯޑިއާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މިއެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، ބޮޑުވަޒީރުގެ ނައިބު، އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ކެމްބޯޑިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މެދުގައި ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓެރަލް ކޮންސަލްޓޭޝަންސް" ގެ މަޤްޞަދަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދުގައިވާ އިޤްތިޞާދީ ގުޅުން ބަދަހިކޮށް، ހަމަހަމަ ކަމާއެކު ދެޤައުމަށްވެސް ފައިދާކުރާނެގޮތަށް މި ގުޅުން ހަރުދަނާކުރުމެވެ. މިއެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިސްމާޢީލެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، ބޮޑުވަޒީރުގެ ނައިބު، އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ.
ދިވެހިރާއްޖެ އާއި ކެމްބޯޑިއާގެ ހެލްތް މިނިސްޓްރީގެ މެދުގައި ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން" އަކީ، ޞިއްޙީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހެލްތް، އަޙްމަދު ނަސީމެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، އެޤައުމުގެ ހެލްތު މިނިސްޓަރ މާމް ބުންހެންގްއެވެ. މި އެއްބަސްވުމުގެ ދަށުން ކެމްބޯޑިއާއިން ދިވެހިރާއްޖެއަށް ޞިއްޙީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ދިވެހިރާއްޖެ އާއި ކެމްބޯޑިއާގެ ޓޫރިޒަމް މިނިސްޓްރީގެ މެދުގައި ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ޓޫރިޒަމް ކޯޕަރޭޝަން" ގެ ދަށުން ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، މި ދާއިރާއިން މީހުން ތަމްރީންކުރުމާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މިއެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، އެޤައުމުގެ މިނިސްޓަރ އޮފް ޓޫރިޒަމް ތާއުންގް ކޮން އެވެ.
ވިޔަފާރީގެ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމަރސްގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރުމާއި، ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިނާޢީ ވިޔަފާރިތަކާއި، އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުޞަތުތައް ހުޅުވިގެންދާނެއެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ބޯޑު މެމްބަރު މުޙައްމަދު އިކްރާމް އިބްރާހިމްއެވެ. ކެމްބޯޑިއާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމަރސްގެ ރައީސް ނިޔެކް ކިތް މިޔެންއެވެ.
މި 6 އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ބޭއްވި ޕްރެސް ސްޓޭޓްމަންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އެއްބަސްވުންތަކުގައި ހުރިކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާތައް ވަރަށް އަވަހަށް ބާއްވާނެކަމަށް ވިދާޅުވެފައެވެ.
Today, the Maldives and Cambodia exchanged six key agreements, demonstrating a pivotal point of progress in the two countries’ bilateral relations. President @ibusolih and Cambodian Prime Minister Samdech Akka Moha Sena Padei Techo Hun Sen presided over the agreement exchange pic.twitter.com/QX3GWg94t3
— The President's Office (@presidencymv) January 16, 2023
ރައީސް ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ކުރިއަށްއޮތްތަނުގައި ކުރިއަށްދާނެ ގޮތާއި، ބަދަހިކަން އިތުރުކުރުމަށް އެޅިގެން ދިޔަ ބިންގަލެއް ކަމަށެވެ.
މި ދަތުރުފުޅަކީ ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.