އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމާއި، ޕާޓީތަކުގެ މެންބަރުން އެއްޕާޓީން އަނެއް ޕާޓީއަށް ނޭނގި ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގެގޮތުން، ޕާޓީތަކަށް މެމްބަރުން ވައްދާ ފޯމަށް ގެނެވުނު ބަދަލާއެކު ހުށަހެޅި ފޯމުތަކުގެ އަދަދު ވަރަށް ބޮޑުތަން ދަށްވެއްޖެއެވެ.
ފޯމުތަކަށް ގެނައި ބަދަލާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިލެކްޝަންސް ކޮމިޝަނުންވަނީ އައުފޯމަށް އަމަލު ކުރަން ފަށާފައެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހަކީ ޕާޓީތަކުން އެންމެ ގިނަ އަދަދަކަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާ މަހެއެވެ. ފާއިތުވެދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކޮމިޝަނަށް ވަނީ އެކި ޕާޓީތަކުން 22،398 ފޯމު ހުށަހަޅާފައެވެ.
ނަމަވެސް އައުފޯމަށް ގެނައި ބަދަލުތަކާއެކު ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ހަރުދަނާ ކުރުމުން ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ 1013 ފޯމެވެ. މިއީ ފާއިތުވެދިޔަ 2021 ވަނަ އަހަރާ ބަލާއިރު، 22 ގުނަ މަދު އަދަދެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޯމުތަކަށް ގެނައި ބަދަލާއެކު، މީގެ ކުރިން ފޯމުތަކާއި ގުޅިގެން އެކޮމިޝަނަށް ލިބެމުންދިޔަ ޝަކުވާތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އަދި މިހާރުގެ ފޯމަށް ގެނެވުނު ބަދަލާއެކު ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.
އަލަށް އެކުލަވާލި ފޯމުތަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ހެކިންގެ ފިންގާ ޕްރިންޓް ޖަހަން ޖެހުމެވެ. މިހާރު ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި ހެކިންގެ ފިންގަރ ޕްރިންޓު ޖަހާކަށް ނުޖެއެވެ. މީގެ އިތުރުން ގެނައި އަނެއް ބަދަލަކީ ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހުމެވެ. އެއީ ކުރިން ޢަމަލުކުރަމުން އަންނަ ފޯމުތަކުގައި ބޭނުންކުރާ މަޢުލޫމާތުތަކެއް ނޫނެނެވެ.
އިލެކްޝަންސް ކޮމިޝަނުންބުނީ ޕާޓީތަކަށް މީހުން ވައްދާ ފޯމަށް ބަދަލު ގެނެސްފައިވަނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުމަށް ފަހުގައިކަމަށެވެ. ފޯމުތަކަށް ގެނައި ބަދަލާއެކު، ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާ ފޯމުތަކަކީ ޞައްޙަ ފޯމެއްތޯ ކަށަވަރު ކުރުމަށްޓަކައި ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޝަކުވާއަށް އާންމުކޮށްވެސް ހުޅުވާލަމުން އަންނަކަމަށް އެކޮމިޝަނުން ހާމަކުރެއެވެ.