ފ.މަގޫދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ އޮޕްޓިމަލް އިންވެސްޓްމަންޓް މޯލްޑިވްސްއާއެވެ.
ރަށްރަށުގައި ހުރި ސިއްޙީ ފަރުވާ ދޭތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެކްސްޓެންޝަން ޢިމާރަތްކުރުމަށް ބަޖެޓުގައި ހިމަނައިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން މިނިސްޓްރީ އޮފް ހެލްތުން ވަނީ މިމަސައްކަތް އޮޕްޓިމަލް އިންވެސްޓްމަންޓް މޯލްޑިވްސްއާއި ޙަވާލުކޮށް އެއްބަސްވުން އެކުލަވާލާފައެވެ.
3 މިލިއަން 8 ލައްކަ އަށްޑިހަ އެއްހާހަށްވުރެ ގިނަ ރުފިޔާއަށް މިމަސައްކަތް ޙަވާލުކޮށްފައިވަނީ ފަސްމަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަގޫދޫ ސިއްޙީ މަރުކަޒުން ވިދާޅުވީ އެތަނަށް އަލަށް އިތުރުކުރެވޭ ދެ ބައިގައި ހިމެނެނީ މިހާރުގެ އުސޫލުގެ ދަށުން ސިއްޙީ ފަރުވާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބްލްސްއާއި ބޭސް ރައްކާކުރުމަށް ބޭނުންވާ މެޑިކަލް ސްޓޯރޭޖްގެ މަސައްކަތް ކަމަށެވެ. އަނެއް ބަޔަކީ ޢާއްމު ސިއްޙަތު ކުރިއެރުވުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އެޚިދުމަތް މަގޫދޫގައި ފުޅާކުރުމަށް ތަރައްޤީކުރާ ތަނެއްކަމަށް އެމަރުކަޒުން ވިދާޅުވެއެވެ.
މަގޫދޫގައި ލެބޯޓްރީގެ ޚިދުމަތާއެކު މިހާރު ސިއްޙީ މަރުކަޒުގެ ޚިދުމަތް ދެމުން އަންނަނީ 16 ގަޑިއިރަށެވެ. އެމަރުކަޒުގައި ޚިދުމަތް ދެމުން އަންނަނީ މިވަގުތު އެންމެ މެޑިކަލް އޮފިސަރެކެވެ. އަދި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 10 ޕޭޝަންޓުންކަމަށާއި އިތުރުވަމުންދާ ގެސްޓް ހައުސްތަކާއި ބިކޯކާ ޔުނިވަރސިޓީގެ ދަރިވަރުން ތިބޭ ނިސްބަތުން ޢަދަދު އިތުރުވަމުންދާކަމަށްވެސް އެމަރުކަޒުން މަޢުލޫމާތު ދެއްވައެވެ.
މީގެއިތުރުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ސިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކުރުމަށް ސިއްޙީ މަރުކަޒާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެމަރުކަޒުން ވިދާޅުވެއެވެ.