އަންނަ އަހަރުން ފެށިގެން ވެހިކަލްތަކުގެ އަހަރީ ފީއާއި ޖޫރިމަނާ މީރާއިން ބަލައިނުގަންނާނެ ކަމަށް އެއޮތޯރިޓީން ބުނެފިއެވެ.
މީރާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ ޖަނަވަރީ 1 އިން ފެށިގެން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.
ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާ ގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ފިނޭންސް މިނިސްޓްރީން މިގޮތަށް ނިންމުމާއިއެކު މީރާއިން ދެން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ސުންގަޑިއަށް އަހަރީ ފީ ނުދެއްކުމުން ވާ ޖޫރިމަނާގެ އިތުރުން ޕާކިން އަދި ޓްރެފިކް ވަޔަލޭޝަނާ ގުޅިގެން ކުރާ ޖޫރިމަނާ ބަލައި ނުގަންނާނެއެވެ. ކުރިން މި ފީތައް މީރާގެ އޮންލައިން ޕްލެޓް ފޯމް ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދައްކާލެވެއެވެ.
މި ސިޔާސަތުގެ ދަށުން އަހަރީ ފީ ބަލައިގަންނަނާނީ ކައުންސިލްތަކުންނެވެ. މިއާއެކު ކައުންސިލްތަކަށް އާމްދަނީ ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ.