ޚަބަރު

ތިލަފަޅު ހިއްކަން ޗައިނާ ކުންފުންޏަކަށް، އަންނަ މަހު މަސައްކަތް ފަށަނީ


އިންޑަސްޓްރިއަލް މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ތިލަފުށި ހިންގާ ބެލެހެއްޓުމުގެ މަސައްކަތް 2020ވަނަ އަހަރު ވަނީ ހައުސިން ޑިވެލޮޕްމަންްޓް ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށްފައެވެ.

2000ގެ ކުރީކޮޅު ބޭނުންކުރަންފެށި ތިލަފުށި، މިއަދާހަމައަށްވެސް އޮތީ އުމްރާނީގޮތުން މާބޮޑު ބަދަލުތަކެެއް ނެތިއެވެ. އޭރު ހިއްކާ ބޭނުންކުރަންފެށި ސަރަޙައްދުގެ އިތުރުން، 2017ވަނަ އަހަރު، ފަޅުން އިތުރު ބައެއް ހިއްކިއެވެ. ނަމަވެސް ތިލަފުށީގެ ޚިދުމަތްތައް ބަހާލެވިފައި އޮތީ ރޭވުންތެރިކަމާއެކުއެއް ނޫނެވެ. އަދި އެތަނުން ވިޔަފާރިވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައްވެސް އެކަށީގެންވާގޮތުގައި ދެމުން އައިސްފައެއް ނުވެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، އެޗްޑީސީންވަނީ ތިލަފުށި ޒަމާނީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާ ތިލަފުށީގެ މާސްޓަރ ޕްލޭން އެކުލަވާލާފައެވެ. މާސްޓާރ ޕްލޭން އެކުލަވާލާފައިވަނީ، މުޅި ތިލަފަޅު ހިއްކާ، މިހާރު ބޭނުންކުރަމުންދާ ތިލަފުށީގެ ބިން ހިމެނޭހެން ތަރައްޤީކުރުމަށެވެ.

ތިލަފުށި މާސްޓަރ ޕްލޭންގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހިމެނެނީ، ތިލަފަޅު ހިއްކުމުގެ މަސައްކަތެވެ. މާސްޓަރ ޕްލޭންގެދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖަރ އިންޑަސްޓްރިއަލް މުޙައްމަދު ޝާމިން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ވެފައިވާކަމަށެވެ. އެގޮތުން މި ޑިސެމްބަރުމަހުގެ ތެރޭގައި ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކޮށް، 2023ވަނަ އަހަރުގެ ޖެނުއަރީ މަހު ބިން ހިއްކަން ފަށަން ތައްޔާރުވެފައިވާކަމަށެވެ.

"ޑިސެމްބަރ 15ވަނަ ދުވަހު ޗައިނާގެ ހާބަރ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި. މޮބިލައިޒްކޮށް އަންނަ ޖެނުއަރީ މަސައްކަތް ފެށުމަށް ތައްޔާރުވަނީ." ޝާމިން ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ ތިލަފަޅު ހިއްކަނީ 3ބަޔަކަށްކަަމަށެވެ. އެގޮތުން ފުރަތަަމަ ބައިގައި 40ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. ޝާމިން ވިދާޅުވީ ފުރަތަމަ ބައިގެ ބިން، ކުރިއަށް އޮތް 12މަސް ތެރޭގައި ހިއްކާ އެ ބިންތައް ދޫކުރުމަށް ޕްލޭންކޮށްފައިވާކަމަށެވެ.

ތިލަފުށި މާސްޓާރ ޕްލޭން އިފްތިތާހްކޮށް އަލަށް ހިއްކާ ސަރަޙައްދުން ދޫކުރާ ބިންތަކަށް ވިޔަފާރިވެރިން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތުވެސް އެޗްޑީީސީން މިހާރު އޮތީ ހުޅުވާލާފައެވެ.

"ބިން ހިއްކާ ނިމުމުން ވިޔަފާރިއާއި އިޤްތިޞާދީ އެކި ކެޓަގަރީތަކަށް ބިން ޒޯން ކުރާނީ. ދެން ވިޔަފާރިތަށް ފަށާ، ދެން ހުރި ޒޯންތައްވެސް މިގޮތަށް ގެންދާނީ. މުޅި މާސްޓަރ ޕްލޭން ފުރިހަމަކުރުމަށް 3-4 އަހަރު ޕްލޭނެއް އޮތީ." ޝާމިން ވިދާޅުވިއެވެ.

ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރއެވެ.

ތިލަފުއްޓަކީ ރާއްޖޭގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިތަކުން، ގުދަން ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ ރަށެކެވެ. މިވަގުތުވެސް ތިލަފުށީގައި 200އަށްވުރެ ގިނަ ވިޔަފާރިވެރިން އެކިއެކި މަސައްކަތްތައް ކުރަމުންއާދެއެވެ.

ތިލަފުށި ހިއްކާ ތަރައްޤީވެގެން އަންނައިރު، އެ ރަށް ވެގެންދާނީ މާލެ ސަރަޙައްދާއި މުޅި ރާއްޖޭގެވެސް ސިނާޢީ މައި ހަބަށެވެ. ސަރުކާރުން ފަށާފައިވާ ތިލަމާލެ ބްރިޖާއެކު، ތިލަފުށި ގުޅީފަޅާ ގުޅާލާ އިޤްތިޞާދީ އިންގިލާބީ ބަދަލަކަށް ސަރުކާރުން ވަނީ މިސްރާބު ޖަހާފައެވެ.