ޚަބަރު

ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށްތަކުގެ ކުލި ދެއްކުމުގެ އުސޫލަށް އިސްލާހެއް


ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށްތަކުގެ ކުލީގެ ގޮތުގައި މަދުވެގެން 1 މިލިއަން ޑޮލަރު ދިނުމަށްފަހު އެރަށްތަކުގައި މަޝްރޫއުތައް ހިންގުމަށް ހުއްދަދޭގޮތަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދު އިސްލާޙްކޮށްފިއެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދުގައި ކުރީގައި އޮތްގޮތުން، ދައުލަތުން ރަށެއް ކުއްޔަށް ދޫކުރާއިރު އެތަނެއް ހިންގުމަށް ހުއްދަ ދޭނީ މަޝްރޫޢުގެ ތެރެއިން ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅާފައިވާ މަސައްކަތް ނިންމުން، ނުވަތަ މަޝްރޫޢުގެ ތެރެއިން، ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅާފައިވާ މަސައްކަތް އެއްކޮށް ނިންމަން ބޭނުންވާ ޖުމްލަ ފައިސާ، ދައުލަތާއި ހަވާލުކުރުމުންނެވެ.

އެހެންނަމަވެސް، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދު އިސްލާޙްކޮށް ޓޫރިޒަމް މިނިސްޓްރީން ގެޒެޓްކޮށްފައިވާ ބަޔާނުގައިވާގޮތުން، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަޝްރޫޢަށް ޚަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން މަދުވެގެން 1 މިލިޔަން ޑޮލަރު ދައުލަތަށް ދައްކައިގެން އެރަށްތަކުގައި މަޝްރޫޢުތައް ހިންގަން އެމިނިސްޓްރީން ހުއްދަދޭނެއެވެ.

މީގެއިތުރުން، ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށުގެ ކުލީގެ އެއްބަސްވުން ބާޠިލުކުރާ ހާލަތުގައި، އެ ރަށް، ނުވަތަ އެ ފަޅު، ނުވަތަ އެ ބިން ކުއްޔަށް ހިފާ ފަރާތަށް ދައުލަތުން އެއްވެސް ބަދަލެއްދޭން ނުޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން، ކްރޮސް ސަބްސީޑީގެ ގޮތުގައި ދޫކުރާ 6 ރަށެއް ދާދިފަހުންވެސް ވަނީ ކަނޑައަޅާފައެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާފައިވާ ރަށްތައް

- ށ. ކުޑަޅައިމެންދޫ
- ނ. ކުންނަމަލެއި
- ޅ. މެއްޔަފުށި
- ތ. ދިއްފުށި
- ތ. ކަޅުފަހަލަފުށި
- ގއ. ފުލަނގި

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކްރޮސް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކެވެ. ކުރިއަށް އޮތްތާނގައި މި ލިސްޓަށް އުނި އިތުރުތައް އަންނަމުންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ކްރޮސް ސަބްސިޑީއަށް ރަށްތައް ދޫކުރުމަކީ ކުރީ ސަރުކާރުތަކުންވެސް ގެންގުޅުނު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރަށްރަށް ދޫކޮށްފައި ހުރިނަމަވެސް، މީގެ ކުރިން މިހެން ހިންގާ މަޝްރޫއުތަކަށް ރަށްތައް ހަވާލުކުރުމާއި އެކުއިޒިޝަން ކޮސްޓު ކަނޑައަޅާނެ ގޮތުގެ އުސޫލެއް ނޯވެއެވެ.