ޚަބަރު

ކޮމިޝަނުގެ މަސައްކަތާމެދު ހިތްހަމަޖެހޭ، އިންސާފު ލިބޭނެކަމުގެ އުންމީދު ބޮޑު: ރިޟްވާނުގެ އާއިލާ


މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން އެ މައްސަލައާ ގުޅޭ ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އެރުވުމަކީ އެ މައްސަލަ ދޫކޮށް ނުލާ ކަމާއި، އެ މައްސަލާގައި އިންސާފު ލިބޭނެ ކަމުގެ އުންމީދުއާ ވެގެން ދިޔަ ކަމެއް ކަމަށް ރިޟްވާނުގެ އާއިލާއިން ބުނެފިއެވެ.

އެ މައްސަލާގެ ރިޕޯޓެއް ތައްޔާރުކޮށް މަރު ކޮމިޝަނުން އެ ރިޕޯޓު ރައީސް ޞާލިޙަށް އެރުވީ މި ނިމުނު ހަފްތާ ތެރޭގައެވެ. އެ ރިޕޯޓުގައި ރިޟްވާނުގެ މަރާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާއިރު އޭގެއިން ބައެއް ކަންކަން އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކޮށްފައިވެސް ވެއެވެ.

އެކަމާ ގުޅިގެން ޕީ.އެސް.އެމް ނިއުސް އާ ވާހަކަދަކަމުން ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނީ، މިހާ ގިނަ ދުވަހަށްފަހުވެސް ކޮމިޝަނުން ރިޕޯޓު ތައްޔާރުކޮށް ރައީސް ޞާލިޙަށް އެރުވުމަކީ މި މައްސަލާގައި އިންސާފު ލިބޭނެކަމުގެ އުންމީދު އާވި ކަމެއް ކަމަށެވެ. މި މައްސަލަ މިހާތަނަށް ކުރިއަށް ގޮސްފައިވާ ގޮތާގުޅޭގޮތުން ޝެހެނާޒް ބުނީ، 3 މީހަކު ޖަލަށް ލައި ޝަރީއަތް ކުރިއަށް ދިއުމަކީ ވެސް މި މައްސަލަ ދޫކޮށް ނުލައި މިކަމުގައި މަސައްކަތްކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

މި މައްސަލަ އަކީ އެތައް އަހަރެއް ވެފައިވާ މައްސަލައަކަށް ވާއިރު، މައްސަލައިގެ އަޑި ހޯދުމުގައި ދަތިތައް ހުންނާނެ ކަން ގަބޫލުކުރާކަމަށް ރިޟުވާނުގެ ދައްތަ ޝެހެނާޒް ބުނެފައިވެއެވެ. އެގޮތުން ބަޔަކު ރާވައިގެން ހިންގި ބޮޑު ކަމެއްގެ ހެކި ފޮރުވަން ވެސް އެތައް މަސައްކަތްތަކެއް ބަޔަކު ކޮށްފައިވާނެ ކަން އެނގޭ ކަމަށާއި، އެހެންކަމުން މައްސަލަ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ޝެހެނާޒް ބުނީ މި ދަތިތަކުގެ ތެރެއިން ވެސް މަރު ކޮމިޝަނުން ކޮށްފައިވާ މަސައްކަތާއި މެދު ހިންހަމަޖެހޭކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް މިހާރު އެ ރިޕޯޓު އަރުވާފައިވާއިރު، އެ ރިޕޯޓުގައިވާ ކަންކަން އެމަނިކުފާނު ރަނގަޅަށް ބައްލަވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ސަރުކާރުން ވެސް އަޅާ ނުލާ އޮތް މި މައްސަލާގައި މިވަރުގެ ކުރިއެރުމެއް ވެސް ލިބުނީ މި ސަރުކާރުގެ މަސައްކަތުންކަން ފާހަގަކޮށް ޝެހެނާޒް ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ރައީސް ޞާލިޙު މިކަމުގައި އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައި ވިދާޅުވިއެވެ.

ޝެހެނާޒް ބުނީ، މި މައްސަލައަކި ހައްސާސް މައްސަލައަކަށް ވާތީ މައްސަލާގެ ރިޕޯޓު އާއިލާއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ޝަރިއަތްތަކަށް ވެސް އާއިލާ ނުވައްދާ ކަމަށާއި، ޝަރިއަތްތައް ސިއްރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ނޫސްތަކަށް ދީފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މައްސަލާގައި މީގެ ކުރިން ނޭނގޭ ވަރަށް ގިނަ ކަންކަން މިހާރު ހާމަވެ އައު މަޢުލޫމާތުތައް އެނގިފައިވާކަން އެނގޭ ކަމަށާއި، އެއީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ބުންޏެވެ.

މީގެން އެއްވެސް ވާހަކައަކީ އަޑު އަހަން ފަސޭހަ ވާހަކަތަކެއް ނޫން ކަމަށް ޝެހެނާޒް ބުންޏެވެ. އެކަމަކު މި މައްސަލަ ވީހާވެސް އަވަހަށް ނިމި، އިންސާފު ލިބުމަކީ ރިޟްވާނުގެ އާއިލާއިން އެންމެ ބޮޑަށް އެދޭ ކަންތަކެވެ.

މިނިވަން ނޫހުގެ ނޫސްވެރިނާ ރިޟްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 7 ވަނަ ދުވަހުއެވެ.

ރިޟްވާންގެ މަރާއި ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކޮމިޝަންގެ ރައީސް ފަރީޝާ ޢަބްދުﷲ ވިދާޅުވީ، ރިޟްވާނަށް އަނިޔާ ލިބެން މެދުވެރިވި ސަބަބުތައް އެކޮމިޝަނުން ތަޙުޤީޤުކޮށް ހޯދާފައިވާކަމަށެވެ.

އެގޮތުން 2014 ވަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ދިވެހިރާއްޖެ އޭރުގެ ސިޔާސީ އިޖްތިމާޢީ އަދި ދީނީ ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތްކަން ފާހަގަކުރައްވާ، ހަރުކަށި ފިކުރުގެ ފަރާތްތަކާއި ކުށްކުރާ ގޭންގުތަކުގެ ބާރާއި ނުފޫޒު އޭރު އިތުރުވެފައިވުމަކީ އެކަމަށް މަގުފަހިވެފައިއޮތް ކަމެއްކަމަށް ފަރީޝާ ވިދާޅުވިއެވެ.