ޚަބަރު

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވުމުގެ ތައްޔާރީތައް ދަނީ ވަމުން: ފުލުހުން


ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުޙައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 10 ވަނަ ދުވަހުގެ މެންދުރު 12:30 ހާއިރުއެވެ. ނިޝާމާ މުޙައްމަދު އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވެފައިވެއެވެ.

ނިޝާމާ މުޙައްމަދުގެ މަރު ތަޙުޤީގުކުރުމަށް ޕޯސްޓް މޯޓަމް ހެދުމަށް ނިންމާ އޭނާގެ ހަށިގަނޑު މާލެ ގެނައީ އޭގެ އެއް ދުވަސް ފަހުންނެވެ. ފުލުހުން ވިދާޅުވީ، ނިޝާމާގެ ހަށިގަނޑު ޕޯސްތްމޯޓަމަށް ފޮނުވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ. ޕޯސްޓްމޯޓަމަށް ރާއްޖޭން ބޭރަށް ހަށިގަނޑު ފޮނުވަނީ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހުއެވެ.

މި މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން، އެކަމުގެ ތުޙުމަތުގައި ނިޝާމާގެ ފިރިމީހާ ފައިސަލް ޢަލީ ވަނީ ހައްޔަރުކޮށްފައެވެ.

މައްސަލައިގެ ތުޙުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނިކޮށް، ނިޝާމާގެ ފިރިމީހާ ފައިސަލް ޢަލީ ވަނީ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައެވެ. އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވަނީ ކުޅުދުއްފުށީގައި ފުލުހުން ހައްޔަރުގައި ހުއްޓާ، އޭނާ ބަހައްޓާފައި ހުރި ގޮޅީ ތެރޭގައެވެ. ނަމަވެސް އޭނާ ސަލާމަތްކޮށް، ކުޅުދުއްފުށީ ރީޖަނަލް ހޯސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލުން ބުނީ ފައިސަލް އަދިވެސް އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށެވެ. އޭނާގެ ޙާލު ސީރިއަސްކަމަށާއި، އެއްވެސް ކުރިއެރުމެއް ލިބެމުން ނުދާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. އަދި އޭނާގެ ގައިގައި ބައެއް ކަހަލަ ޒަޙަމުތައް ހުރިކަމަށް ރަށުގެ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިކަމުގައި އޭނާގެ ފިރިމީހާއަށް ޝައްކު ކުރަނީ، އޭނާ މަރުވެފައި އޮއްވާ ފެނުނުގެ ވަގުތުގެ ކުރިން ފިރިމީހާ ރަށުން ފުރައިގެން ދިއުމުންނެވެ.