ޚަބަރު

ސުޕަމޭންގެ ގޮތުގައި ހެންރީ ނުފެންނާނެކަން ހާމަކުރުމާއެކު ފޭނުންނަށް ޝޮކެއް


2013 ވަނަ އަހަރު ގެނެސްދިން "މޭން އޮފް ސްޓީލް" ގައި ސުޕަމޭންގެ ރޯލު ކުޅުނު އެކްޓަރު ހެންރީ ކެވިލް އެ ރޯލާއި އެކީ އަލުން އެނބުރި އަންނާނެކަން މީގެކުރިން މިދިޔަ އޮކްޓޫބަރު މަހު ހެންރީ ވަނީ އިއުލާނުކޮށްފައެވެ.

ނަމަވެސް ދާދިފަހުން އާއްމުކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ކެވިލް ވަނީ އޭނާ އެ ރޯލުން ދެން ނުފެންނާނެ ވާހަކަ ހާމަކޮށްފައެވެ.

ޑީސީގެ ސުޕަމޭންގެ އާ ފިލްމުން ކެވިލް ނުފެންނާނެ ވާހަކަ ބުނެފައި މި ވަނީ އެ ސްޓޫޑިއޯ މިހާރު ހިންގުމާ ހަވާލުވެ ހުރި ޑައިރެކްޓަރު ޖޭމްސް ގަން ސުޕަމޭންގެ އާ ފިލްމު ލިޔާކަން އިޢުލާންކޮށް، ކެވިލް ސުޕަމޭންގެ ރޯލުން ނުފެންނާކަން ވެސް ކަށަވަރުކޮށްދީ ޓްވީޓްތަކެއް ކޮށްފައި ވަނިކޮށެވެ.

ގަން ބުނެފައި ވަނީ ޑީސީން އަލަށް ހަދަން ނިންމާފައިވާ ސުޕަމޭންގެ މައިގަނޑު ވާހަކަ ބިނާކުރާނީ ސުޕަމޭންގެ ހަޔާތުގެ ވަރަށް ކުރީކޮޅުގެ ދުވަސްތަކުގެ މައްޗަށް ކަމަށެވެ. އެހެންވެ "މޭން އޮފް ސްޓީލް" ގައި ކެވިލް ކުޅުނު ސުޕަމޭންފެ ރޯލުން އޭނަ ނުފެންނާނެ ކަމަށާއި އާ ޕްރޮޖެކްޓާއި ބެހޭ އިތުރު ވާހަކަތަކެއް އާ އަހަރާ އެކީ ހިއްސާކުރާނެ ކަމަށް ބުންޏެވެ.

ކެވިލްގެ ޕޯސްޓްގައި ވަނީ ޑީސީ އާއި ގަންގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށާއި އަދި ސުޕަމޭންގެ ގޮތުގައި އޭނާ ބަލައިގަތް ފޭނުން ދިން ލޯތްބާއި ސަޕޯޓަށް ޝުކުރުވެސް އަދާކޮށްފައެވެ. މިކަން ވެގެންދިޔައީ އޭނާގެ ފޭނުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނުވި ކަމަކަށެވެ.

ވަކިން ޚާއްސަކޮށް މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި ސުޕަމޭންގެ ރޯލުން ހެންރީ ކެވިލް ފެންނާނެކަން ހާމަކުރުމަށްފަހު، މިހާ އަވަހަށް އެ ނިންމުން ބަދަލުވުމާއެކު، އޭނާގެ ފޭނުންނަށް ލިބިގެންދިޔައީ ބޮޑު ޝޮކެކެވެ.

ޒެކް ސްނައިޑާ ޑައިރެކްޓްކުރި "މޭން އޮފް ސްޓީލް" އަކީ 258 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 668 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.