ޚަބަރު

ފުރަތަމަ ލަވައާއެކު "ޕަތާން" ވެސް ބޮއިކޮޓް ކުރަން ގޮވަނީ


އަންނަ މަހު ރިލީޒްކުރާ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންފެ ފިލްމު "ޕަތާން" ގެ ފުރަތަމަ ލަވަ އާންމުކުރުމާ އެކީ އެ ފިލްމާ ދެކޮޅަށް އިންޑިއާގެ އެކި ހިސާބުތަކުގައި ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ.

އެގޮތުން ވީރު ޝިވާޖީ ކިޔާ ގްރޫޕަކުން ބުނާ ގޮތުގައި މިހާރު އާންމުކޮށްފައިވާ އެ ފިލްމުގެ ލަވަ "ބޭޝަރަމް ރަންގް" އަކީ އެމީހުންގެ މުޖުތަމައު އަށް ފެތޭ ލަވައެއް ނޫނެވެ. އެ ފިލްމާ ދެކޮޅަށް އިންޑިއާގެ ބައެއް އެހެން ހިސާބުތަކުގެ ވާތު ފިޔައިގެ ގްރޫޕްތަކުން ވެސް މަގުތަކަށް ނުކުމެ ޝާހްރުކާއި ދީޕިކާގެ ފޮޓޯތަކެއް އަންދައި "ޕަތާން" ބޮއިކޮޓްކުރަން އަންނަނީ ގޮވައިލަމުންނެވެ.

އިންޑިއާގެ މަދިޔަ ޕްރަދޭޝްގެ ހޯމް މިނިސްޓަރު ނަރޯތަމް މިޝްރާވެސް ވަނީ ދީޕިކާގެ ހެދުންތަކުގެ ނިވާކަން ކުޑަކަމުން، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަން އިސްލާހު ކުރަން "ޕަތާން" އުފެއްދި ސްޓޫޑިއޯ، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް އަށް ގޮވާލާފައެވެ. މިނިސްޓަރު ވިދާޅުވީ، "ބޭޝަރަމް ރަންގް" ގައި ފެންނަ ފަދަ މަންޒަރުތަކާ އެކީ "ޕަތާން" މަދިއަ ޕްރަދޭޝްގައި ރިލީޒްކުރަން ފުރުޞަތު ނުދޭނެ ކަމަށެވެ.

"ޕަތާން" ގެ އިތުރުން މިއަހަރު ރިލީޒްކުރި ގިނަ ފިލްމުތަކެއް ބޮއިކޮޓް ކުރުމަށް މީގެކުރިންވެސް ގިނަ ބަޔަކު ގޮވާލާފައިވެއެވެ. މިކަމާއި ހެދި ގިނަ ފިލްމުތަކެއް ވަނީ ފްލޮޕްވެސް ވެފައެވެ.

"ޕަތާން" އަކީ 2019 ވަނަ އަހަރު ދެއްކި އެންމެ ކާމިޔާބު ބޮލީވުޑް އެއް ފިލްމު ކަމަށްވާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް އަށް ހަދާފައިވާ ފިލްމެކެވެ. މީގެ ވިލަންގެ ރޯލުން ފެންނާނީ ޖޯން އަބްރަހެމެވެ.

8 ޤައުމެއްގައި ޝޫޓްކޮށްފައިވާ "ޕަތާން" އަކީ 2018 ވަނަ އަހަރު ދެއްކި ބޮޑު ފްލޮޕް "ޒީރޯ" އަށް ފަހު، ޝާހްރުކް ލީޑް ރޯލުކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހްރުކް ފެންނާނީ ވެސް ވަރަށް ތަފާތު ލުކެއްގައެވެ.

މީގެއިތުރުން ފިލްމު ރިލީޒްވުމުގެ ކުރިން މީގެ ސީކުއަލްއެއް ހަދާނެކަމުގެ އިޝާރާތެއްވެސް ޝާހު ވަނީ މީގެކުރިން ދީފައެވެ.