އ.ދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބުތްރަސް ބުތްރަސް-ގާލީ އަވަހާރަވުމާ ގުޅިގެން، އ.ދ.ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބަން-ކީ-މޫންއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.ބަން-ކީ-މޫންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އ.ދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބުތްރަސް ބުތްރަސް-ގާލީ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައ އ.ދ. އަށާއި، މިޞްރުގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، އަދި ޙާއްޞަކޮށް އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ފޮނުއްވި މެސެޖުގައި، އ.ދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބުތްރަސް ބުތްރަސް-ގާލީ ކުރެއްވި ނަމޫނާ މަސައްކަތްޕުޅުތަކުގެ ސަބަބުން އެމަނިކުފާނުގެ ހަނދާންތަށް މީހުންގެ ހިތްތަކުގައި އަބަދުވެސް އަވާނެކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައިބައިވުމާއި، ސިޔާސީވުމުގެ ގޮތުން ފިނި ހަނގުރާމައިގެ ދުވަސްވަރު، އެމަނިކުފާނު ކެތްތެރިކަމާއި، ތޫނުފިލިކަމާއެކު ކުރެއްވި ސުލްޙައިގެ މަސައްކަތްޕުޅުތަކަކީ، ކުރިޔަށް އޮތް ޖީލުތަށް ނަމޫނާއަކަށް ބަލާނެ ކަމެއްކަމަށާއި، މިކަމުން އިބްރަތް ޙާޞިލްކުރާނެ ކަމެއްކަމަށެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އ.ދ.ގެ 50 ވަނަ އަހަރީ ދުވަހު ބުތްރަސް ބުތްރަސް-ގާލީ 'ދަ އެޖެންޑާ ފޮރ ޕީސް' ގެ ނަމުގައި ހުށަހެޅުއްވި ކަރުދާހަކީ އަދިއަދަށް ދާންދެންވެސް އ.ދ. ގެ ތަޅުމަށް ހުށަހެޅުނު އެންމެ ރަނގަޅު އެއް ރީފޯމް ޕެކޭޖްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. މި ކަރުދާހުގައި ބަޔާންކުރެވިފައިވަނީ އ.ދ.އިން ދުނިޔޭގެ ސުލްޙަ ޤާއިމްކުރަން ކުރެވިދާނެ މުޙިއްމު މަސައްކަތްތަކުގެ ވާހަކައެވެ.ރައީސުލްޖުމްހޫރިއްޔާގެ ފޮނުއްވި މެސެޖުގައި، އ.ދ.ގެ 70 ވަނަ އަހަރު ފާހަގަކުރަމުންދާ މި ދަނޑިވަޅަކީ ތަރައްޤީގެ މަގުގައި ގިނަ ކަންތައްތަކެއް ކުރަމުންދާ ދުވަސްވަރެއްކަމުން، ބުތްރަސް ބުތްރަސް-ގާލީގެ މަސައްކަތްޕުޅުތަކުން ގިނަ ފިލާވަޅުތަކެއް ދަސްކުރަންވެއްޖެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ބުތްރަސް ބުތްރަސް-ގާލީ ފަދަ ބޭފުޅެއް އަވަހާރަވުމުގެ ހިތާމަ އޮތްނަމަވެސް، އެންމެންވެސް ބަލަންވީ ދުނިޔޭގެ ހަމަޖެހުމާއި ސުލްޙަ ޤާއިމްކުރުމަށްޓަކައި އ.ދ. މިހާރަށްވުރެ ވަރުގަދަކުރުމަށް މަސައްކަތްކުރުން ކަމުގައެވެ.