މާލޭގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ އޭނާގެ ވޮލެޓް ފޭރިގަތް މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ތ.އޮމަދޫއަށް އުފަން އަދުނާން ހުސެއިންގެ ވޮލެޓް ފޭރިގަނެފައިވަނީ އޭނާ ދަތުރުވަރެއްގައި މާލެއަށް އައިސް އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު މާފަންނު އެލްސިއޯން ބޭކަރީ ކައިރިންނެވެ. ވޮލެޓް ފޭރިގަތުމުން އޭނާ ވަނީ ވޮލެޓް އަތުލުމަށް މަސައްކަތްވެސް ކޮށްފައެވެ.
އަދުނާނުގެ ވޮލެޓް ޖަހައިގަތް މައްސަލަ ފުލުހުން ތަހުގީގް ކުރަމުން ދަނިކޮށް ދިމާވި ސިއްޙީ މައްސަލަ ތަކެއްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
ފުލުހުން ވިދާޅުވީ އަދުނާނުގެ ވޮލެޓް ޖަހައިގަތް މައްސަލާގައި ތުހުމަތު ކުރެވޭ 34 އަހަރުގެ ފިރިހެނަކާއި، 40 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން 45 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.