މިދިޔަ އަހަރު އިއުލާނުކުރި އެކްޓަރު ފަރުދީންޚާން އެނބުރި އަންނަ ފިލްމު "ވިސްފޮޓް" ސިނަމާތަކަށް ނުގެނެސް އޯޓީޓީގައި ރިލީޒްކުރަން ނިންމައިފިއެވެ.
އެކްޓަރު ރިތޭޝް ދޭޝްމުކް އާއިއެކު ފަރުދީން ފެންނަ މި ފިލްމު މީގެކުރިން ރިލީޒްކުރަން ނިންމާފައި އޮތީ ސިނަމާތަކުގައެވެ. ނަމަވެސް މިހާރު އެ ފިލްމު އޯޓީޓީގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށް ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ ވަނީ ބުނެފައެވެ. ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ފަރުދީން، 48، ބޮލީވުޑާ ދުރަށް ދިޔަތާ އަހަރުތަކެއް ފަހުން އަލުން އެކްޓިން އަށް އެނބުރި އަންނަން ނިންމައި "ވިސްފޮޓް" ގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އޭނަ އަލުން ފިލްމު ކުޅެން ފެށީ، އިންޑަސްޓްރީ ދޫކޮށްލި ފަހުން ވަރަށް ބޮޑަށް ފަލަވެ، ސިފަ ގެއްލިފައި ވަނިކޮށް އަލުން ފިޓްވުމަށް ފަހުއެވެ.
ކޫކީ ގްލާޓީ ޑައިރެކްޓްކުރާ "ވިސްފޮޓް" އަކީ ވެނެޒުއެލާގެ 2012 ވަނަ އަހަރު ދެއްކި ފިލްމު "ރޮކް، ޕޭޕާ، ސިޒާސް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ފަރުދީން އާއި ރިތޭޝްގެ އިތުރުން ކްރިސްޓަލް ޑި ސޫޒާ، ޕްރިޔާ ބަޕަޓް، ސީމާ ބަޕަޓް އަދި ޝީބާ ޗައްޑާ ހިމެނެ ވެސް ހިމެނެ އެވެ. "ވިސްފޮޓް" އަކީ ސަންޖޭ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.
ފަރުދީން އެންމެ ފަހުން ކުޅުނީ 2010 ވަނަ އަހަރު ރިލީޒްކުރި "ދުލްހާ މިލްގަޔާ" އެވެ. ކުރީގެ މަޝްހޫރު ތަރި ފީރޯޒް ޚާންގެ ދަރިފުޅުގެ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިޔާރު ތޫނޭ ކިޔާ ކިޔާ"، "ޖަންގަލް"، "ބޫތު"، "ނޯ އެންޓްރީ" އަދި "ހޭ ބޭބީ" ހިމެނެއެވެ.
"ވިސްފޮޓް" ގެ އިތުރުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސް އަށް ހަދާ ވެބް ސީރީޒް "ހީރާމަންޑީ" ގެ ކާސްޓްގައި ވެސް ފަރުދީން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.