ޚަބަރު

ޖާންވީވެސް "ބަޅޭ މިޔާން ޗޯޓޭ މިޔާން" ދޫކޮށްލައިފި


ޕޫޖާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށް އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ އެކްޝަން އެންޓަޓެއިނާ "ބަޅޭ މިޔާން ޗޯޓޭ މިޔާން" ގެ އަންހެން ލީޑް ރޯލުން ފެނިގެންދާނީ ޖާންވީ ކަޕޫރު ކަމަށް މިދިޔަ އޮކްޓޫބަރު މަހު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް މި ފިލްމާއި ބެހޭގޮތުން އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ޓައިގާ ޝްރޮފް އާއި އަކްޝޭ ކުމާރު ލީޑް ރޯލުން ފެންނަ މި ފިލްމުން ޖާންވީ މިހާރު ވަނީ ވަކިވެފައެވެ. އަދި ޖާންވީގެ ބަދަލުގައި އެހެން ބަތާލާއަކު ހޯދަން ޕްރޮޑަކްޝަން ޓީމުން މަސައްކަތް ފަށާފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

ޕްރޮޑަކްޝަން ޓީމާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ޖާންވީ ފިލްމު ދޫކޮށްލި ނަމަވެސް، ޖާންވީގެ ވަކިވުމާއި ފައިސާއާއި އެއްވެސް ގުޅުމެއް ނެތެވެ. ނަމަވެސް ޖާންވީ ފިލްމުން ވަކިވީ ސްކްރިޕްޓް ކަމު ނުގޮސްގެން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. މަނޫޝީ ޗިލާރާއި ސޮނާކްޝީ ސިންހާ އަކީ މިހާރު ފިލްމަށް ސޮއިކޮށްފައިވާ ދެ ތަރިން ނަމަވެސް އެމީހުން ކުޅޭނީ ޖާންވީގެ ރޯލު ނޫން ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

"ބަޅޭ މިޔާ ޗޯޓޭ މިޔާ" އަށް އެންމެ ފުރަތަމަ ނެގީ ޖާންވީ ކަޕޫރާއި ކްރިތީ ސަނޯން އެވެ. ކްރިތީއަށް މި ފިލްމަށް ވަގުތު ނުދެވުނީ އޭނާގެ އެހެން މަސައްކަތްތަކާއި ހެދިއެވެ. އަދި ސްކްރިޕްޓު ކަމުނުގޮސްގެން މިހާރު ޖާންވީ ވެސް މި ވަނީ ފިލްމުން ވަކިވެފައެވެ.

މަނޫޝީއާއި އަކްޝޭ ކުމާރު ލޯބިވެރިންގެ ގޮތުގައި މި ފިލްމުން ފެންނަ އިރު ސޮނާކްޝީ ކުޅެނީ ކޮން ރޯލެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ. އަދި ޓައިގާ އާއިއެކު ދެން ފެންނަ ތަރި އަކީވެސް ކާކު ކަމެއް އަދި ނޭގެއެވެ.

އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ހަދާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ވަރަށް ގިނަ މަންޒަރުތަކެއް އިންޑިއާ އިން ބޭރުގައި ނަގާނެ އެވެ. އެގޮތުން އަލީ ވަނީ ދާދި ފަހުން ލޮކޭޝަން ހޯދުމަށް ދަތުރުތަކެއްވެސް ކޮށްފައެވެ. މީގެ މަންޒަރުތައް ޔޫރަޕާއި ޔޫއޭއީގައި ނަގާ ގޮތަށް ހަމަޖެހިފައިވެއެވެ.

"ބަޅޭ މިޔާ ޗޯޓޭ މިޔާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.