ޚަބަރު

ފިނޭ އާއި މުލީގެ ބަނދަރާއި، ރަސްމާދޫ ގޮނޑުދޮށް ޙިމާޔަތްކުރުން އެމްޓީސީސީއަށް


ހދ.ފިނޭއާއި މ.މުލި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު، އަދި ރ.ރަސްމާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފަރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މ.މުލީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގެ ދަށުން އެމްޓީސީން މުލީގައި 479 މީޓަރުގެ ބަނދަރެއް ތަރައްޤީކުރާނެވެ. މުއްޔަކީ އާބާދީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. އެރަށުގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ދުވަސްވުމުގެ ސަބަބުން، ވަރަށް ބޮޑަށް ހަލާކުވެ އެއްގަމު ތޮއްޓަށްވެސް ބޮޑެތި ގެއްލުންވެފައިވާ ބަނދަރެކެވެ.

މި މަސައްކަތުގައި ދެން ހިމެނެނީ ބަނދަރު ފުންކުރުމާއި، 465 މީޓަރުގެ ބޭރު ތޮށި ލުމާއި، 89 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓްޖެހުމެވެ. އަދި ބަނދަރުގައި ރޭމްޕް ހެދުމާއި ކޮންކްރިޓް ބްރިޖެއް ހެދުމާއި ޕޭވްމަންޓާއި ނެރުބައްތި އަދި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ.

މި މަސައްކަތް އެމްޓީސީސާއާ ހަވާލުކޮށްފައިވަނީ 65.6 މިލިއަން ރުފިޔާއަށް 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު 2 ވަނަ މަޝްރޫއަކީ ފިނޭގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢެވެ.

600 މީހުންގެ އާބާދީއެއް އޮންނަ ފިނޭގައި މިހާރު ބޭނުންކުރާ ބަނދަރަކީ ވަރަށް ކުޑަ އަދި ޒަމާންވީ ބަނދަރެކެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފިނޭގައި 248 މީޓަރުގެ ބަނދަރެއް ހެދުމަށެވެ. އަދި ބަނދަރުގައި 219 މީޓަރުގެ ބޭރު ތޮށި ލުމާއި، ރިވެޓްމަންޓްޖެހުމާއި ހާާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ހައި ސްޕީޑް ފެރީ ނެޓްވޯރކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯރމެއްވެސް ބަނދަރުގައި ހެދުމަށްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ހަވާލުކޮށްފައެވެ.

ފިނޭގެ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 15 މަސް ދުވަހުން ނިންމާގޮތަށް 47 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު 3 ވަނަ މަޝްރޫއަކީ ރ.ރަސްމާދޫގެ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫއެވެ. މި މަޝްރޫޢުގެ ދަށުން، 157 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 2500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ރަސްމާދޫއަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ރަށެކެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު އެމްޓީސީސީން ވަނީ އެރަށުގެ އުތުރުފަރާތު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. އަދި މިހާރު ހަވާލުކޮށްފައި މިވަނީ ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތެވެ.

ރަސްމާދޫގެ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 88 މިލިއަން ރުފިޔާއަށް، 7މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.