ޑޮކްޓަރަށް ދެއްކީ ނޭވާލުމުގައި އުނދަގޫތަކެއްވާތީއެވެ. ފުއްޕާމޭގައި އިންފެކްޝަން އުފެދިފައި ހުރުމުން ޑޮކްޓަރު ހެދި ޓެސްޓްތަކުން ފެނުނީ ފުއްޕާމޭގެ ނޭވާލާ ހޮޅީގައި އިތުރު ކަމެއް ހުރިކަމަށެވެ. އެހެންކަމުން ބްރޮންކޮސްކޮޕީ ނުވަތަ ނޭވާ ހޮޅިއަށް ކެމެރާލައްވައިގެން ހެދި އިތުރު ޓެސްޓްތަކުން ފެނުނީ ފުއްޕާމޭގެ ކަނާތު ފަޅީގެ ހޮޅިއެއްގައި، ކުޑަ ސުޕާރީ ފުކެއް ތާށިވެ ބްލޮކްވެފައިވާތަނެވެ.
ޒުވާން އަންހެން ކުއްޖަކަށް ދިމާވި މިޙާލަތު، އައިޖީއެމް ހޮސްޕިޓަލްގެ ރެސްޕިރޭޓަރީ ފިޒިޝަން ޑރ.މުޙައްމަދު އިސްމާއީލްވަނީ ފޮޓޯއަކާއެކު ޓްވިޓަރގައި އްސާކޮށްފައެވެ.
އެކުއްޖާގެ އޮޕަރޭޝަންކޮށް ސުޕާރީ ފުއް ނަގާ، ފުއްޕާމޭގެ ހޮޅީގެ ބްލޮކްވަނީ ސާފުކޮށްފައެވެ. ޒުވާން އަންހެން ކުއްޖާގެ ފުއްޕާމެއިން، ބައި ސެންޓިމީޓަރު ހަމަނުވާ ދެ ފުއް ސުޕާރީ ނަގާފައިވެއެވެ. ޑރ.އިސްމާއިލް ޓުވިޓަރގައި ހާމަކޮށްފައިވާ ގޮތުން މިއަންހެން ކުއްޖާގެ ފުއްޕާމޭގައި ފެންހެދި ނުރައްކާ މިންވަރަށްވަނީ ޖަރާސީމް އުފެދިފައެވެ. އަދި އެކުއްޖާއަކީ ވަރަށް ގިނައިން ސުޕާރީ ކާ ކުއްޖެއްކަމަށްވެސް ޑޮކްޓަރު ހާމަކޮށްފައިވެއެވެ.
A young girl with a serious lung infection with pleural effusion (fluid in chest cavity). When we @Faal_26 @Moxamedalu did bronchoscopy, to our surprise, we found a small piece of supari blocking part of the Rt lung. On inquiry patient revealed eating supari a lot pic.twitter.com/Lux8uNwOIi
— M. Ismail (@drmodismail) November 25, 2022
މިއީ މަދުންނަމަވެސް ދިމާވާ ޙާލަތެކެވެ. ނޭވާލާ ހޮޅިއާއި ކާތަކެތި ހަށިގަނޑަށް ފޮނުވާ ހޮޅިއާއި ވަކި ހިސާބަކަށް އިންނަނީ ގުޅިފައެވެ. ނަމަވެސް ގުދުރަތީ ނިޒާމުގައިވާގޮތަށް، ހޮޅީގެ ކޮޅުގައި ބަންދުވާގޮތަށް އިންނަ ވެލްވްގެ ސަބަބުން ނޭވާލާ ހޮޅިއަށް ކާ އެއްޗެހި ދިއުން ހުއްޓުވައެވެ.
މިގޮތަށް ފުއްޕާމޭގެ ހޮޅިއަށް އެއްޗެތިދަނީ، ކޮށިއެރުންފަދަކަމެއް ދިމާވެގެންނެވެ. އާއްމުކޮށް މިފަދަ ވާހަކަތައް އިވެނީ ތުއްތު ކުދިން ކުޅެން އުޅުމުގައި ގެންގުޅޭ ކުދިކުދި މިނާފުއްފަދަ އެތިކޮޅު ނޭފަތުގެ ހޮޅީގައި ހަރުލާ އުނދަގޫތައް ކުރިމަތިވާ ހާލަތްތަކެވެ.
ޑރ.މުޙައްމަދު އިސްމާއިލް ޕޯސްޓް ހިއްސާކޮށްފައިވަނީ މިފަދަ މައްސަލަތަކަށް ހޭލުންތެރިކުރުމަށެވެ. ޚާއްސަކޮށް ސުޕާރީއަކީ ނުވަތަ ދުފުމާ ދުންފަތްފަދަ ބާވަތްތަކަކީ އޭގެ ސަބަބުން އެހެން ގޮތްގޮތުންވެސް ހަށިގަނޑަށް ގެއްލުން ލިބޭ ކަމެކެވެ.