2021 ވަނަ އަހަރު ރިލީޒްކުރި މަލަޔާލަމް ފިލްމު "ދަ ގްރޭޓް އިންޑިއަން ކިޗަން" ގެ ހިންދީ ރީމޭކްގެ ޝޫޓިން ނިންމާލައިފިއެވެ.
ބޮލީވުޑް ބަތަލާ ސަނާޔާ މަލޯތްރާ ލީޑް ރޯލުން ފެންނަ މި ފިލްމުގެ ޑައިރެކްޓަރަކީ 2019 ވަނަ އަހަރު ދެއްކި ފިލްމު "ކާގޯ" ގެ ޑައިރެކްޓަރު އަރާތީ ކާދަވްއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު އިޢުލާނުކުރި މި ފިލްމު މިހާރު ވަނީ އެއްކޮށް ޝޫޓްކޮށް ނިންމާލާފައެވެ. މީގެ ޝޫޓިން ނިންމާލުމަށްފަހު ސަނާޔާ މިހާރު ވަނީ "ސޭމް ބާދޫރު" ގެ ޝޫޓިން އަށް އިންޑިއާގެ ކޮލްކަތާއަށް ފުރާފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ އާމީ އޮފިސަރެއްގެ ހަޔާތުގެ މައްޗަށް އުފައްދާ "ސޭމް ބާދޫރް" އަކީ ވިކީ ކޯޝާލް ލީޑް ރޯލުން ފެންނަ ފިލްމެކެވެ. ސަނާޔާ އާއި ވިކީގެ އިތުރުން ފާތިމާ ސަނާ ޝެއިހް، ސާގިބް ޔައުގޫބު އަދި މަނޯޖް ބަޖްޕާއީވެސް މި ފިލްމުން ފެންނާނެއެވެ.
މިދިޔަ އަހަރު ރިލީޒްކުރި އޮރިޖިނަލް މަލަޔާލަމް ފިލްމް "ދަ ގްރޭޓް އިންޑިއަން ކިޗަން" ގެ ޑައިރަކްޓަރަކީ ޖޯއި ބޭބީއެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނުނީ ނިމިޝާ ސަޖާޔަން އާއި ސޫރަޖް ވެންޖަޔަމޫދް އެވެ.
2016 ވަނަ އަހަރު ދެއްކި "ޑަންގަލް" އިން ބޮލީވުޑަށް ތަޢާރަފުވި ސަނާޔާ އަކީ މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ތަރިއެކެވެ. "ޑަންގަލް" އަށްފަހު 2018 ވަނަ އަހަރު ދެއްކި ކޮމެޑީ ފިލްމު "ބަދާއީ ހޯ" ގައި ސަނާޔާ ވަނީ މަސައްކަތް ކޮށްފައެވެ. މި ދެ ފިލްމަކީވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ.
އޭގެފަހުން 2020 ވަނަ އަހަރު ދެއްކި "ލޫޑޯ" އާއި "ޝަކުންތަލާ ދޭވީ" އަކީވެސް ސަނާޔާގެ ހުނަރު ވަރަށް ރަނގަޅަށް ދައްކާލާފައިވާ ދެ ފިލްމެވެ. 2021 ވަނަ އަހަރު ދެއްކި "ޕަގްލައިތް" އަދި މިއަހަރު ދެއްކި "ލަވް ހޮސްޓެލް" އަކީވެސް ސަނާޔާގެ ދެ ފިލްމެވެ.
ސަނާޔާ ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސް ފިލްމު "ކަތާލް" އިންނެވެ. އަދި ޝާހުރުކްޚާނާއި ނަޔަންތްރާގެ ފިލްމު "ޖަވާން" އިންވެސް ސަނާޔާ ފެންނާނެއެވެ.