ދައުލަތުގެ މީޑިއާގެ އިންޖިނިއަރިން ހެޑުގެ ގޮތުގައި މަސައްކަތްކުރެއްވި އަހުމަދު ނަދީމް އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން، އޭ.ބީ.ޔޫގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް އައްޔަންކޮށްފިއެވެ.
ނަދީމަކީ 1978 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް ޓެލެވިޜަން މޯލްޑިވްސް، ޓީ.ވީ.އެމްގެ އިންޖިނިއަރިން ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގައިވެސް މަސައްކަތްކުރެއްވި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭގެ ފަހުން 2007 ވަނަ އަހަރު ވަނީ ސިންގަޕޫރުގެ އެލްއެސްވީ އެންޓަޕްރައިސަސްގެ ޕްރޮޖެކްޓް އިންޖިނިއަރުކަން ވެސް ކުރައްވާފައެވެ.
2008 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތްކުރައް ވަނީ އޭ.ބީ.ޔޫ ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައެވެ. އަދި 2018 ވަނަ އަހަރު ވަނީ އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މާޤާމަށް އައްޔަންކޮށްފައެވެ.
ނަދީމް އޭ.ބީ.ޔޫގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވި ނަމަވެސް، މި މަޤާމުގެ މައްސޫލިއްޔަތުތަކާ ރަސްމީކޮށް ޙަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ މާރިޗުމަހުގައެވެ. އެއީ 2010 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޑރ. ޖަވާދު މޮއްޓަގީގެ ދައުރު އަންނަ މާރިޗުމަހު ހަމަވުމުންނެވެ.
ނަދީމް ވަނީ އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން ބީޓީއީސީ އެޗްއެންޑީ ހާސިލްކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހާޓްފޯޑްޝަޔާއިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން އޮނަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. އޭނާއަކީ މި ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.
އޭ.ބީ.ޔޫއަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ބްރޮޑްކާސްޓަރުންގެ ކުރިއެރުމަށް 1964 ގައި އުފެދުނު ޔޫނިއަނެކެވެ. އޭ.ބީ.ޔޫއިން އަންނަނީ ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓަރުންނާއި، އިންޑަސްޓްރީގެ މުހިންމު ފަރާތްތަކުގެ މަސްލަހަތު ކުރިއަރުވައި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މީޑިއާގެ އެއްބާރުލުން ފަހިކޮށްދޭން މަސައްކަތް ކުރަމުންނެވެ. އޭ.ބީ.ޔޫ އުފެދުނު ފަހުން އެ ޔޫނިއަންގެ މެންބަރުންގެ ގޮތުގައި މިހާރު ދުނިޔޭގެ 64 ޤައުމެއްގެ 253 ބްރޯޑްކާސްޓިންގ ސްޓޭޝަން ހިމެނެއެވެ.