އީޔޫ- މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލް ބައްދަލުވުމުގެ ތެރެއިން ރާއްޖެއިން އީޔޫއަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީއާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް މިހެން ވިދާޅުވީ، އީޔޫ- މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލް ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ހޮޓެލް ޖެންގައި ފެށި އީޔޫ މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލްއަކީ މީގެ 2 ވަނަ މަޝްވަރާ ބައްދަލުވުމެވެ. މި މަޝްވަރާގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ އީޔޫއާއި ރާއްޖެއާއި އެކިއެކި ދާއިރާތަކުން މަޝްވަރާކޮށް ގުޅުން ބަދަހިކުރުމެވެ. ބިޒްނަސް ރައުންޓް ޓޭބަލްގެ ތެރެއިން އިޤްތިސާދީގޮތުންނާއި ވިޔަފާރީގެ ގޮތުން ހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، އީޔޫއިން ރާއްޖޭގެ އިޤްތިސާދުގެ އެކިއެކި ސިނާއަތްތަކުގައި މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އަދި ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމުގައިވެސް އީޔޫއަކީ އެންމެ މުހިންމު އެއް ސަރަހައްދުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ބާނާ މަހަކީ މުޅި ދުނިޔޭގައިވެސް އެންމެ ތިމާވެއްޓާއި ރަހުމަތްތެރި ގޮތަކަށް ކުރާ މަސްވެރިކަންކަންކަމަށް އީޔޫއިންވެސް ޤަބޫލުކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މަޝްވަރާތަކުގެ ތެރެއިންވެސް ރާއްޖެއިން އީޔޫއަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުން ނުވަތަ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އެކިއެކި މަޝްވަރާ ކުރެވެމުން މިދަނީ ލުއި ގޮތްތަކެއް ހޯދޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް. މިހާރު އަޅުގަނޑުމެން އެކި ފޯރަމްތަކުގައި ދެކެވުނު ވާހަކަތަކާއި ރިކުއެސްޓްތަކުން ވަރަށް ޕޮޒިޓިވް. ޔޫރަޕްވެސް ޤަބޫލުކުރޭ އަޅުގަނޑުމެންގެ މަސްވެރިކަމަކީ އެންމެ އެންވަޔަރަމަންޓް ފްރެންޑްލީ ސަސްޓެއިނަބަލް މަސްވެރިކަންކަން." ފައްޔާޒު ވިދާޅުވިއެވެ.
އީޔޫ- މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލްގައި އެކި ޤައުމުތަކުން 75 ފަރާތަކުން ބައިވެރިވެއެވެ. މީގެތެރޭގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި، ޔޫރަޕްގެ ވިޔަފާރިވެރިންނާއި، ސަރުކާރުގެ ވަޒީރުންނާއި، ޔޫރަޕިއަން ޔޫނިއަންގެ ބޭފުޅުންނާއި، ޤައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަންނަވައެވެ.
ދިވެހި ރާއްޖެއިން ޔޫރަޕަށް ކުރިން މަސް އެކްސްޕޯޓުކޮށްފައި ވަނީ ޑިއުޓީ އަކާއިނުލައެވެ. ނަމަވެސް ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުން، މެދު އާމްދަނީ ލިބޭ ޤައުމަކަށް ރާއްޖެ ބަދަލުވުމާއެކު ޑިއުޓީ ނަގަން ވަނީ ފަށާފައެވެ. އެގޮތުން ދިވެހިރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި %22 ނަގައެވެ.