ޚަބަރު

ޖަލަށް ފޯނާއި ޑްރަގު ވައްދާ އޮފިސަރުން ދެނެގަނެވިއްޖެ، އެމީހުންނާ ދެކޮޅަށް އޮޕަރޭޝަނެއް


ރާއްޖޭގައި ހިންގާ ޖަލުތަކަށް ޤަވާއިދާ ޚިލާފަށް އެއްޗެހި ވެއްދުމާއި، އެނޫންވެސް ގޮތްގޮތުން ގަނޫނާ ހިލާފުވާ ޖަލު އޮފިސަރުންނާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ޖަލުތަކަށް ފޯނު ވެއްދުމާއި، މަސްތުވާތަކެތި ވެއްދުމުގެ މައްސަލަތައް ހުއްޓުވުމަށް ކަރެކްޝަނަލް ސާރވިސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މި މައްސަލަ މިހާތަނަށް ހައްލުކުރެވިފައެއް ނުވެއެވެ. މި ހަފްތާ ތެރޭގައިވެސް ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ޖަލު އޮފިސަރެއް ވަނީ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައެވެ. މިކަންކަމާ ގުޅިގެން ޕީއެސްއެމްނިއުސް އާ ވާހަކަފުޅުދައްކަވަމުން އަހުމަދު ވިދާޅުވީ އެފަދަ މައްސަލަތަކީކީ ރާއްޖޭގައި ޖަލުތައް ހިންގަން ފެށުނީއްސުރެއް މޫ ލާފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ޖަލު އޮފިސަރުންގެ އަތެއް ވެސް ވާކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ މިކަންކަން ހުއްޓުވުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ފުލުހުންނާ ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ގުޅިގެން މިކަމާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށާއި، މިހާރުވެސް މިކަމުގައި ހަރަކާތްތެރިވާ އޮފިސަރުން އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. އަހުމަދު ވިދާޅުވީ މިކަމުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ މުވައްޒަފަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ހެއްކެއް ހޯދުންކަމަށެވެ. އެހެންކަމުން މިހާރު އައިޑެންޓިފައިވެފައިވާ އޮފިސަރުންނަށް އޮޕަރޭޝަނުގައި ޓާގެޓުކޮށްފައިވާ ކަމަށް އަޙްމަދު ވިދާޅުވިއެވެ.

"އަޅުގަނޑު އެޑްމިޓްކުރަން އޮފިސަރުންގެ އަތެއް ވާކަން. އެބަތިބި ހަމަ ފާހަގަވެފަ ބައެއް އޮފިސަރުން. އެކަމަކު އެނގިވަޑައިގަންނަވާނެ މުވައްޒަފަކަށް ފިޔަވަޅެއް ނޭޅޭނެ ޝައްކެއް ވެގެނެއް. އެކަން ވާނީ އެކަށީގެންވާ ވަރުގެ ސޮލިޑް ޕްރޫފެއް އޮވެގެން، އެހެންވެ އޮޕަރޭޝަންތައް މި ހިންގަނީ. ބައެއް އޮފިސަރުންނަށް މިހާރު ވަނީ ފިޔަވަޅުވެސް އަޅާފައި" އަހުމަދު ވިދާޅުވިއެވެ.


އަހުމަދު ވިދާޅުވީ ޖަލުތަކަށް ފޯނު ވައްދާ މައްސަލަ ހުއްޓުވުމަށް މި ނޫނަސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މައްސަލަ އަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހުއްޓުވަން ޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޖޭމަރ ބޭނުންކުރަން މަސައްކަތްކުރިކަން ފާހަގަކުރައްވާ އަހުމަދު ވިދާޅުވީ އެއީ އެކަމުގައި އެންމެ އެދެވޭ ހައްލު ލިބޭނެ ގޮތް ނޫން ކަމަށެވެ. އެހެންކަމުން މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ޖަލު ސަރަހައްދުގައި އެންޓަނާ ހަރުކޮށް ޖަލު ތެރެއިން ދާ ކޯލްތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމްވެފައިވާކަން އަޙްމަދު ފާހަގަކުރެއްވިއެވެ.

"ކުރިން ވެއްޖެއްޔާ މި ޖެހެނީ ޑިވައިސް ފާހާ ދުވަން. އެންމެ ޑިވައިސްއެއް ވައްދައިގެން 50 ސިމް ވެއްދިޔަސް ޖަލު ތެރެއިން ބޭނުންކަންކަން އެބަކޮށްލެވޭ އަޅުގަނޑުމެންނަށް ނުފެނި. މިހާރު ސީދާ ޑިވައިސް އައިޑެންޓިފައިވެ އޮތް ހިސާބު އެނގޭނެ ގޮތެއް ވީމަ ޑިވައިސް ފަހާ ނުދުވެ މިކަން އެބަ ހައްލުވޭ." އަހުމަދު ވިދާޅުވިއެވެ.


އޭނާ ވިދާޅުވީ މިކަމުގައި މަސައްކަތްތަކެއް ފަށައިގެން ކުރި ނަމަވެސް މީގެ އެކަށީގެންވާ ފުރިހަމަ ނަތީޖާއެއް ފެންނަން ގިނަ ދުވަސްނަގާނެ ކަމަށެވެ. މި މައްސަލަތަކަކީ ގިނަ ދުވަސްވެ މޫލާފައިވާ ކަމެއް ކަމުން ނަތީޖާއަށް ދުވަސް ނަގާނެ ކަމާއި އެއް ދުވަހުން މިކަންކަން ނުނިމޭނެކަން ގަބޫލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ފާއިތުވި އަހަރުތައް ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ޖަލުތަކައް ގަވާއިދާ ހިލާފަށް އެއްޗެހި ވެއްދުމަކީ މިހާރު ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން އެކަމަކީ ކޮންމެ ދުވަހަކުވެސް ކޮށްލެވިދާނެ އާދައިގެ ކަމެއްގެ ގޮތުގައި އޮންނައިރު، މިހާރު އެކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.