2003 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަކީ އޭނާގެ ކެރިއަރުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ބަތަލާއެކެވެ.
ބޮލީވުޑްގެ އިތުރުން ހޮލީވުޑް މަޝްރޫއުތަކުގައިވެސް ޕްރިޔަންކާ ވަނީ މަސައްކަތް ކުރަން ފަށާފައެވެ. އޭގެތެރޭގައި "ކުއަންޓިކޯ" ސީރީޒް، އަދި ސައިންސް ފިކްޝަން ފިލްމު "ދަ މެޓްރިކްސް" ފަދަ ފިލްމުތައް ހިމެނެއެވެ. ޕްރިޔަންކާ އެންމެ އަވަހަށް ދެން ފެންނާނީ ރޫސޯ ބްރަދާސް އިން ޕްރޮޑިއުސްކުރާ "ސިޓަޑެލް" އިންނެވެ.
ދާދިފަހުން ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި ދުނިޔޭގެ އެންމެ ބޮޑެތި ޕްރޮޑިއުސަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އޭނާ އަށް ދަސްވީ މޮޅު އެކްޓަރަކަށް ވާން ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. ޕްރިޔަންކާ އިތުރަށް ބުނިގޮތުގައި އެކްޓަރުންނަކީ ހަމައެކަނި ލިޔެފައި އޮންނަ ސްކްރިޕްޓާއި އެއްގޮތަށް މަސައްކަތްކުރާ ބަޔަކަށްވާއިރު އެކްޓަރުންނަށް މާ ބޮޑު ކްރެޑިޓެއް ދޭކަށް ނުޖެހެއެވެ.
އަދި އެކްޓަރުން ވާހަކަ ދައްކަނީ އެހެން މީހަކު ބުނާ ގޮތަށް ކަމަށާއި، ލިޕްސިންގ ހަދަނީ އެހެން މީހަކު ކިޔާފައިވާ ލަވަޔަކަށް ކަމަށާއި، ނަށަނީ ކޮރިއޯގްރާފަރުން ބުނާ ސްޓެޕް ތަކަކަށް ކަމަށާއި، އެކްޓަރުންގެ މޭކަޕާއި އިސްތަށިގަނޑުވެސް ހަދަނީ އެހެން ބައެއް ކަމަށް ޕްރިޔަންކާ ބުންޏެވެ. އެހެންވީމާ އެކްޓަރުން އަމިއްލައަށް ކުރަނީ ކޮން ކަމެއްތޯ ޕްރިޔަންކާ ވަނީ ސުވާލުކޮށްފައެވެ.
2003 ވަނަ އަހަރު ދެއްކި "ލަވް ސްޓޯރީ އޮފް އަ ސްޕައި" އިން ބޮލީވުޑަށް ތަޢާރަފުވި ޕްރިޔަންކާއަކީ ރީތި އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ބަތަލާއެކެވެ. "އަންދާޒް"، "މުޖްސޭ ޝާދީ ކަރޫގީ"، "ބަރްފީ"، "ފެޝަން"، "މޭރީ ކޮމް"، "ބާޖީ ރާއޯ މަސްތާނީ" އަދި "ސްކައި އިޒް ޕިންކް" ފަދަ ފިލްމުތަކަކަކީ ޕްރިޔަންކާގެ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.
ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނީ ރުސޯ ބްރަދާސް އިން ޕްރޮޑިއުސްކުރާ "ސިޓަޑެލް" އިންނެވެ. "އިޓްސް އޯލް ކަމިންގް ބެކް ޓު މީ" އަދި ބޮލީވުޑް ފިލްމު "ޖީ ލޭ ޒަރާ" އަކީވެސް ޕްރިޔަންކާގެ ކުރިއަށް ހުރި ފިލްމުތަކެވެ. "ޖީ ލޭ ޒަރާ" ގައި ޕްރިޔަންކާ އާއެކު ދެން ފެންނާނީ އާލިއާ ބަޓް އާއި ކެޓްރީނާ ކައިފްއެވެ.