ބޮލީވުޑް ތަރި ޖާންވީ ކަޕޫރަކީ މިވަގުތު ފިލްމީ ދާއިރާގައި އެންމެ ހުނަރުވެރި އެއް ބަތަލާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޖާންވީ އެންމެ ފަހުން ފެނިފައި ވަނީ މަތޫކުޓީ ޒެވިއާ ޑައިރެކްޓްކޮށްފައިވާ ފިލްމު "މިލީ" އިންނެވެ.
ޖާންވީގެ އިތުރުން އެކްޓަރު ވިކީ ކޯޝާލްގެ ކޮއްކޮ ސަނީ ކައުޝަލް އާއި މަނޯޖް ޕަހުވާ ވެސް މި ފިލްމުން ފެނިގެން ދިޔައެވެ. ފްރިޖެއްގެ ތެރޭގައި ތާށިވެގެން ދިރިހުރުމާއި މަރާއި ހަނގުރާމަ ކުރަމުންދިޔަ މީހެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ 2019 ވަނަ އަހަރު މަލަޔާލަމް ބަހުން ޒެވިއާ ގެނެސްދިން ފިލްމު "ހެލެން" ގެ ހިންދީ ރީމޭކެވެ.
ދާދި ފަހުން ވޯގް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޖާންވީ ވަނީ ޗެންނާއީގައި ހުންނަ އޭނާގެ މަންމަ ސްރީދޭވީ ގަތް ފުރަތަމަ ގޭގެ އެތެރެ ފޭނުންނަށް ދައްކާލާފައެވެ.
ވޯގުން ހިއްސާކުރި ވީޑިއޯގައި ޖާންވީ ވަނީ އޭނާގެ މަންމަގެ ޚިޔާލެއް ކަމަށްވާ އެމީހުންގެ އާއިލީ ހުރިހާ ތަސްވީރެއް އެކުގައި ހިމެނޭ "ހަނދާނީ ފާރު" ވެސް ދައްކާލާފައެވެ. މި ފާރުގައި 2013 ވަނަ އަހަރު ސްރީދޭވީ ޕަދްމާ ޝްރީ ހޯދި ފޮޓޯއަކާއި، އަރުޖުން ކަޕޫރާއި ސްރީދޭވީ އެކުގައި ނަގާފައިވާ ފޮޓޯއަކާ،އި އަދި އަނުޝްލާއާއި ސްރީދޭވީ އާއިއެކު ނަގާފައިވާ ފޮޓޯއެއްވެސް ހުއްޓެވެ. އަނުޝްލާ އާއި އަރުޖުން އަކީ ބޯނީ ކަޕޫރުގެ ކުރީގެ އަންހެނުންނަށް ލިބުނު ދެ ކުދިންނެވެ.
ސްރީދޭވީ އާއި ބޮނީ ކަޕޫރުގެ ކައިވެނީގެ ފޮޓޯތަކަށް އިޝާރާތްކޮށް އެއީ އެމީހުންގެ "ސިއްރު ކައިވެންޏެއް" ކަމަށް ޖާންވީ ވަނީ ބުނެފައެވެ. ޖާންވީ ބުނީ އެއީ މަންމަ އާއި ބައްޕަގެ ކައިވެނީގެ ފޮޓޯއެއް ކަމަށާއި، އެއީ ކޮންމެވެސް ވަރަކަށް ސިއްރުން ކޮށްފައިވާ ކައިވެންޏެއް ކަމަށް އޭނާއަށް ހީވާ ކަމަށެވެ. އަދި ފޮޓޯގައި ދެމީހުން އެހާ ހާސްވެފައި އެ ތިބީ އެހެންވެގެން ކަމަށް ވެދާނެ ކަމަށްވެސް ޖާންވީ ބުންޏެވެ.
ޖާންވީ އިތުރަށް ބުނިގޮތުގައި އެއްފަހަރަކު މީހަކު ސްރީދޭވީއާއި ފްލާޓް ކުރުމުން ބޯނީ ވަނީ މުމްބާއީގައި ހުރެފައި އިޓަލީއަށް ފުރައިގެން ގޮސްފައެވެ. ސްރިދޭވީ އިޓަލީއަށް ގޮސް ހުރީ އޭނާގެ ރައްޓެސަކާއިއެކުގައެވެ.
ޖާންވީ ދެން އެންމެ އަވަހަށް ފެންނާނީ ނިތޭޝް ތިވާރީގެ "ބަވާލް" އިންނެވެ. މި ފިލްމުގައި ޖާންވީއާއެކު ދެން ފެންނާނީ ވަރުން ދަވަން އެވެ. މީގެއިތުރުން ރާޖް ކުމާރުރާއޯ އާއެކު ޖާންވީ ފެންނަ ފިލްމު "މިސްޓަރ އެންޑް މިސިޒް މާހީ" އަކީވެސް ޖާންވީ ސޮއިކޮށްފައިވާ ފިލްމެކެވެ.