ޚަބަރު

ވިޖޭ މާލިޔާ އަށް އުފައްދާ ފިލްމުގައި ސުނިލް ޝެޓީ


އިންޑިއާގެ ބަނގުރޫޓުވެފައިވާ ވިޔަފާރިވެރިޔާ ވިޖޭ މާލިޔާގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލު ކުޅޭނީ ބޮލީވުޑް ޑައިރެކްޓަރު އަނޫރާގް ކަޝަޕް ކަމަށް މީޑިއާތަކުން ރިޕޯޓުކުރީ މި މަހުގެ ކުރީކޮޅުއެވެ.

އޭގެފަހުން އަނެއްވާވެސް މި ވަނީ މި ފިލްމުގެ އަޕްޑޭޓް ލިބިފައެވެ. މީޑިއާތަކުން މިފަހަރު ރިޕޯޓުކޮށްފައިވާ ގޮތުގައި "ފައިލް ނަމްބާ 323" ގެ ނަން ދީފައިވާ މި ފިލްމުގެ ރޯލަކަށް ސުނިލް ޝެޓީ ވަނީ ސޮއިކޮށްފައެވެ.

އަންނަ އަހަރު ތެރޭގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމުގައި ސުނިލް ކުޅޭނީ މަލްޓި-ނެޝަނަލް އޮޑިޓް ފާމެއްގެ ޗާޓާޑް އެކައުންޓަންޓެއްގެ ރޯލެވެ. އަދި އެއީ ފިލްމުގެ ވަރަށް މުހިއްމު ރޯލަކަށް ވާނެއެވެ. ނަމަވެސް އަދި "ފައިލް ނަމްބާ 323" އަށް ސުނިލް ސޮއިކުރިކަން ޕްރޮޑަކްޝަން ޓީމުން ކަށަވަރެއް ނުކޮށްދެއެވެ.

މި މަހުގެ 20 ވަނަ ދުވަހު މުމްބާއީގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ "ފައިލް ނަމްބާ 323" އަކީ ތަމަޅަ ފިލްމުތައް ކަމަށްވާ "އަޕަރްޗިޓް" އާއި "ޝިވާޖީ" ގެ އިތުރުން "2.0" ގައި އެސޯސިއޭޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ކާތިކް ކޭ އެވެ. މިއީ އޭނަގެ ފުރަތަމަ ޑައިރެކްޝަނެވެ.

ވިޔަފާރިވެރިޔާ ވިޖޭ މާލިޔާ އަކީ ކިންގްފިޝް އެއާލައިންގެ ވެރިޔާއެވެ. އޭނާ ބަނގުރޫޓްވެގެން އެ އެއާލައިންވެސް ހުއްޓާލާފައިވާއިރު، މާލިޔާ އަކީ އިންޑިއާގެ އެތައް ބޭންކަކަށް ދަރާފައިވާ މީހެކެވެ. އަދި އޭނަގެ މުދަލާއި އެކައުންޓްތައް ވެސް މިކަމާ ގުޅިގެން ވަނީ ހިފަހައްޓާފައެވެ. ޓެކުހަށް މަކަރުން ހެދުން ފަދަ އެތައް މައްސަލައެއް މާލިއާގެ މައްޗަށް އުފުލާފައިވާއިރު، އޭނާ އުޅެނީ އިންޑިއާ ސަރުކާރަށް ފިލައިގެންނެވެ.

ރޯޔަލް ޗެލެންޗާސް ބެންގަލޫރު ކުރިކެޓް ޓީމުގެ ވެރިޔަކަށްވެސް ކުރިން ހުރި މާލިޔާ އަކީ އިންޑިއާގެ އެތައް ކުންފުންޏެއްގެ ވެރިޔާއެވެ. މިހާރު އުމުރުން 66 އަހަރުގެ މާލިޔާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖަ ސަބާގެ މެމްބަރުކަން ވެސް ދެ ދައުރަކަށް ކޮށްފައިވާ މީހެކެވެ.