ޚަބަރު

"މޭ ނޭ ޕިޔާރު ކިޔާ" ގެ ސްކްރީން ޓެސްޓުން ސަލްމާން ފުރަތަމަ ވީ ފެއިލް


ހިންދީ ސިނަމާގެ އިކޯނިކް ފިލްމެއް ކަމަށްވާ "މޭ ނޭ ޕިޔާރު ކިޔާ" ގެ ލީޑް ރޯލުން ފެނުނީ ސަލްމާންޚާނާއި ބާގްޔާޝްރީއެވެ. މި ފިލްމަކީ މިހާރުވެސް ބަލާލަން ރީތި ހިތްގައިމު ފިލްމެކެވެ. ސަލްމާނާއި ބާގްޔާޝްރީގެ ޖޯޑުވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔައެވެ.

ނަމަވެސް މި ފިލްމުގެ ސްކްރީން ޓެސްޓުން ސަލްމާން ފުރަތަމަ ފާހެ ނުވިއެވެ. އަދި ފުރަތަމަ ފަހަރު ސަލްމާނަށް މި ފިލްމު ނުވެސް ލިބުނެވެ.

މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ސޫރަޖް ބާރްޖަތްޔާއެވެ. ސޫރަޖަކީ މޮޅު ޑައިރެކްޓަރެއް ނަމަވެސް އެދުވަސްކޮޅު އޭނާގެ ފިލްމަކަށްފަހު ފިލްމެއް ފްލޮޕްވަމުން ދާތީ އެއްވެސް އެކްޓަރެއް އޭނާއާއެކު މަސައްކަތް ކުރާކަށް ބޭނުމެއްނުވެއެވެ.

ސޫރަޖްގެ ޕްރޮޑަކްޝަން ހައުސް އަކީ "ހަމް އާޕް ކޭ ހޭ ކޯން"، "ހަމް ސާތް ސާތް ހޭ" އަދި "ޕްރޭމް ރަތަން ދަން ޕާއޯ" ފަދަ ފިލްމުތައް އުފައްދާފައިވާ ރާޖްޝްރީ ޕްރޮޑަކްޝަން ހައުސްއެވެ.

ދާދިފަހުން މި ފިލްމާއި ބޭހެގޮތުން ވާހަކަ ދައްކަމުން ސޫރަޖް ބުނީ "މޭ ނޭ ޕިޔާރު ކިޔާ" ގެ ސްކްރިޕްޓް އޭނާ ލިޔަން ފެށީ އުމުރުން 21 އަހަރުގައެވެ. އަދި ފުރަތަމަ ލިޔުނު ސްކްރިޕްޓް ރިޖެކްޓު ވީއެވެ. އާ ސްކްރިޕްޓެއް އޭނާއަށް ލިޔެވުނީ ދެ އަހަރު ފަހުން ކަމަށްވެސް ސޫރަޖް ބުންޏެވެ. ނަމަވެސް ސްކްރިޕްޓް ނިމުނިއިރު ޕްރޮޑަކްޝަން ހައުސްގެ ބައެއް ފިލްމުތައް ފްލޮޕްވެ އެއްވެސް އެކްޓަރަކު އެމީހުންނާއެކީ މަސައްކަތްކުރާކަށް ބޭނުމެއް ނުވިއެވެ.

އޭފެހުން ސަލްމާނާއި ދިމާވެ ސްކްރީން ޓެސްޓު ހެދި ކަމަށާއި ނަމަވެސް ސްކްރީން ޓެސްޓުން ސަލްމާނު ފާސް ނުވިކަމަށް ސޫރަޖް ބުންޏެވެ. އެއްވެސް އެކްޓަރަކު އެމީހުންނާއި އެކީގައި މަސައްކަތް ކުރަން އެއްބަސްނުވުމުން ސަލްމާން ސްކްރީން ޓެސްޓް ދިންތާ 5 މަސް ފަހުން އަނެއްކާވެސް ސަލަމާނަށް ގުޅި ކަމަށް ސޫރަޖް ބުންޏެވެ.

1989 ގައި ރިލީޒްކުރި "މޭ ނޭ ޕިޔާރު ކިޔާ" އަކީ ފިލްމެއްގެ ލީޑްރޯލަކުން ސަލްމާން ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ.