ޚަބަރު

ގިނަ ވަޞީލަތްތަކާއެކު ކުޅިވަރަށް އިންޤިލާބީ ބަދަލެއް


ޒަމާނުއްސުރެއް ރާއްޖޭގެ ޒުވާނުންގެ އޮތް އެންމެބޮޑު ކަންބޮޑުވުމަކީ ކުޅިވަރު ކުޅެވޭނެ ވަޞީލަައްތައް މަދުކަމުގެ ކަންބޮޑުވުމެވެ. އަމިއްލަ ރަށާއި، ފަސްގަނޑުގައި ކުޅިވަރު ކުޅެވޭނެ ވަޞީލަތްއް ނެތުމުގެ ޝަކުވާތައް ޒުވާނުން ދިޔައީ ތާއަބަދު ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ހަތަރު އަހަރު ވެގެންދިޔައިރު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ދާއިރާއަކީ ދިވެހި ޒުވާނުންނަށް ކުޅިވަރުގެ ދާއިރާގައި ކުރިއަށް ދިއުމަށް ބޭނުންވާ ވަޞީލަތްތަކާއި ފުރުޞަތު ފަހިކޮށް ދެއްވުމެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، ކޮންމެ ސިޓީއެއްގައި، ކޮންމެ ރަށެއްގައި ހުރި، ކޮންމެ ޒުވާނަކީވެސް ކުޅިވަރު ކުޅެވޭނެ ފުރުޞަތު ލިބެންޖެހޭ ޒުވާނެއްކަން ރައީސުލްހުމްހޫރިޔާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އާބާދީގެ ކުޑަބޮޑު މިނަކަށް، ސިޔާސީ ފިކުރަކަށް ބެލުމެއްނެތި މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީ ކުރުމަށް މިވީ ހަތަރު އަހަރު ކުރެވިދިޔަ މަސައްކަތްތަކީ ފާއިތުވެދިޔަ ކައިރި މާޒީއެއްގައިވެސް ކުރެވިފައި ނުވާހާ ގިނަ މަސައްކަތްތަކެކެވެ. ހއ. ފެށިން ސ.އަތޮޅާއި ހަމައަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަދުވެގެން ކުޅިވަރުގެ އެކެއް ނޫނީ ދެތިން މަޝްރޫޢުއެއް ކުރިއަށް ނުދާ ހަމައެއްވެސް ރަށެއް ނެތެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ލޯބިކުރާ އެއްކުޅިވަރަކީ ފުޓުބޯޅަަކަމަށްވާއިރު، މާޒީގައި ބޮޑު ފުޓުބޯޅަ ދަނޑުތައް ތަރައްޤީ ކުރުމަކީ އެހާ އިސްކަންދީފައިވާ ކަމަކަށް ނުވިނަމަވެސް މިސަރުކާރުން ވަނީ އެކަން ބަދަލުކޮފައެވެ. މިހާތަނަށް މިހަތަރު އަހަރުތެރޭ 40 އަށްވުރެ ގިނަ ފުޓުބޯޅަ ދަނޑު ވަނީ އަޅާފައެވެ. އަދި މިހާރުވެސް 50އަށްވުރެ ގިނަ ރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުދަނީ ތަރައްޤީ ކުރަމުންނެވެ.

ފުޓުބޯޅައާއިއެކު ޒުވާނުންގެ ޝައުގުވެރިކަމެއް އޮތް އެއް ކުޅިވަރަކީ ފުޓްސަލް ކުޅުމުގެއެވެ. މިއާއެކު ސަރުކާރުން ދަނީ ގިނަ ޢަދަދެއްގެ އެންމެ ޒަމާނީ ޓާފް ފުޓްސަލް ދަނޑުތައް މުޅިރާއްޖޭގައި އަޅަމުންނެވެ.

މިހާތަނަށް 61 ރަށެއްގައި ފުޓްސަލްދަނޑު އަޅާފައިވާއިރު، 4 ރަށެއްގައި ދަނީ މަސައްކަތް ކުރެވެމުންނެވެ. މީގެ އިތުރުން މިވީ ހަތަރު އަހަރު އަހަރުގެ ތެރޭގައި 12 ވޮލީ ކޯޓާއި، 6 ސްވިމިން ޓްރެކާއި، ދެ ބެޑްމިންޓަން ޓްރެކާއި، އެންމެ ޒަމާނީ ސިންތަޓިކް ޓްރެކަކާއި، އަޓްޑޯ ނެޓްބޯޅަ ކޯޓުވެސް ވަނީ އަޅާފައެވެ.

ރަށްރަށުގެ ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކަސްރަތު ކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުމަށްވެސް ސަރުކާރުން މުހިންމު އަދި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއިއެވެ. އެގޮތުން ހިތްގައިމު އެތައް އައުޓްޑޯ ޖިމްތައް ތަރައްޤީކޮށްފައިވެއެވެ.

ރަށުގެ ވެއްޓާއި ގުޅޭގޮތަށް މިފަދަ 46 އައުޓްޑޯ ޖިމެއް ވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްޤީ ކޮށްފައެވެ.

ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީ ކުރުމާއިއެކު ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ރާއްޖެއަކީ ކުޅިވަރުގައި ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ޤައުމެއްކަން ހާމަކޮށްދިނުމުވެ.

މިވީ ހަތަރު އަހަރުގައި ރާއްޖޭގައި އެކި ކުޅިވަރުތަކުގެ ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކެއް ވަނީ ބާއްވާފައެވެ. ސާފް ޗެމްޕިއަންޝިޕާއި، އިންޓަރނޭޝަލް އިންޑޯ އަދި އައުޓްޑޯ ވޮލީ މުބާރާތްތަކާއި، ޓީޓީ، ޓެނިސް، ބެޑްމިންޓަން، ބޮޑީ ބިލްޑިން، ސާރފިން، ބާސްކެޓް ފަދަ ކުޅިވަރުތަކުގެ ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކެއް ރާއްޖޭގައި ވަނީ ބާއްވާފައެވެ.

މިވީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭއްވި ކުޅިވަރުގެ މުބާރާތްތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ބޭއްވި ކުޅިވަރުގެ ބޮޑެތި މުބާރާތްތަކުގައިވެސް ދިވެހި އެތުލީޓުން ވަނީ ރާއްޖެއަށް ރަންވަނަ ތަކެއް ހޯދައިދީފައެވެ. ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވި ޕެރަލިމްޕިކަކީ ކޮންމެ ފަންތިއެއްގެ ކޮންމެ ގިންތިއެއްގެ މީހަކަށްވެސް ކުޅިވަރުގައި އޮތް ފުރުސަތެއްކަން މިސަރުކާރުން ކަށަވަރުކޮށްދިން ކަމެކެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދަވައި އޭގެ ފަހުން ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް ކުޅިވަރުގައި ކުރިއަށްދާން ބޭނުންވާނަމަ އެރުފުޞަތު ސަރުކާރުން ވަނީ އެކުދިންނަށްވެސް ފަހިކޮށްދީފައެވެ.


ކުޅިވަރުގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންވާ އެންނެ ބޮޑު އެއްބަދަލަކީ ތަފާތު ކުރުމެއްނެތި ކޮންމެ ޒުވާނަކަށްވެސް އެޒުވާނާ ހުރި ރަށެއްގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ހަމަކޮށް ދެއްވުމެވެ. މިކަމަށްޓަކައި މުޅިރާއްޖޭގެ ކުޅިވަރުގެ ވަސީލަތްތައް އިންގިލާބީ ބަދަލުތަކެއް މިވީ ހަތަރު އަހަރު ތެރޭގައި ވަނީ ގެނުވާފައެވެ.

ކުރިއަށް އޮތް އަހަރަކީ ކުޅިވަރުގެ އިތުރު ގިނަ ވަޞީލަތްތައްތަކެއް ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްގީ ކުރެވިގެންދާނެ އަހަރެކެވެ.

މާޒީގައި ފަސްއެޅި، ފޮރުވިފައިވާ ވިނަ ދަނޑުތައް ކޮށައި، ޒަމާނީ ފެންވަރުގެ ޓާފް ދަނޑުތަކާއި، ބޮކި އަލީގައި ކުޅެވޭނެ ފެންވަރު ރަނގަޅު ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ ހޭދައަކީ ބޮޑު ހޭދައަކަށް ވީނަމަވެސް، މިއީ ދިވެހި ޒުވާނުންގެ އުންމީދުތަކަށް ހަގީގީ ބަދަލު ގެނައުމަށް ސަރުކާރުން ކުރާ، ފާއިދާކުރަނިވި ހޭދަތަކެއްކަމަށް ކުޅިވަރާއި ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.