ޚަބަރު

ޑަބްލިއުޑީސީ ބައި-އިލެކްޝަން ދެން ބާއްވާނީ އަހަރު އެއްފަހަރު


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް، ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއަށް ގެނައި މި އިޞްލާހަކީ މިމަހުގެ 2 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިޞްލާހެކެވެ.

ލާމަޒުކަޒީ ޤާނޫނަށް ގެންނެވި މައިގަނޑު އިސްލާޙްތަކަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަޤާމް ހުސްވެއްޖެނަމަ، އެ މަޤާމު ހުސްވާތާ ލަސްވެގެން 1 އަހަރުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ޖެހުމާއި، އެ ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ހުސްވި މަޤާމަށް، އަލުން މެމްބަރަކު އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމެވެ.

އެހެން ނަމަވެސް، ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވުމުގެ ސަބަބުން، އެކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާވަރަށް ކޮމިޓީގައި މެންބަރުން ނެތްނަމަ، އެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އިންތިޚާބު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވިއިރު، ކޮމިޓީގެ ދައުރުގައި ބާކީ އޮތީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއްނަމަ، ހުސްވި މަޤާމަށް، އަލުން މެންބަރަކު އިންތިޚާބު ކުރުން ލާޒިމުނޫންކަމަށް ކަނޑައަޅައި، ބައި-އިލެކްޝަނަކުން އިންތިޚާބު ކުރާ މެންބަރުގެ މަޤާމުގެ މުއްދަތަކީ، ކޮމިޓީގެ އުމުރު ހަމަވުމަށް ބާކީ އޮތް މުއްދަތުކަމުގައިވެސް ޤާނޫނަށް ގެނައި އިޞްލާޙްތަކުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަޞްދީޤް ކުރެއްވުމުން، މި އިޞްލާހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމުގެ ސަބަބުން، ބައި އިލެކްޝަންތައް ބޭއްވުމަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.

ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން ފާއިތުވި ދެ އަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކުރައްވާފައިވެއެވެ.