ޚަބަރު

ދިރާސީ އައު އަހަރުގެ ކުރިން ހުރިހާ ސްކޫލަކަށް ދިވެހި ޕްރިންސިޕަލުން


އަންނަ ދިރާސީ އަހަރު ކިޔެވުން ފެށޭއިރު، ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ތިބޭނީ ދިވެހި ޕްރިންސިޕަލުންކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއް ހިންގުމަށް ދިވެހި ޕްރިންސިޕަލުން ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މުހިއްމު އެއް ސިޔާސަތެއްކަމަށެވެ.

ރާއްޖޭގައި މިވަގުތު 218 ސްކޫލްގައި ދަނީ ކިޔަވައިދެމުންނެވެ. އޭގެތެރެއިން ބައެއް ސްކޫލްތަކުގައި ތިބީ ބިދޭސީ ޕްރިންސިޕަލުންނެވެ.

ޕީއެސްއެމްނިއުސްގެ ބަޖެޓު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ ކޮންމެ ރަށެއްގެ ސްކޫލްގައިވެސް އެރަށަކަށް ނިސްބަތްވާ ދިވެހި ޕްރިންސިޕަލަކު ހަމަޖެއްސުންކަމަށެވެ. މިގޮތަށް ހަމަޖެހިގެން ދިޔުމުގެ ސަބަބުން ރަށުގައި އޮންނަ އިޖުތިމާޢީ ގުޅުމުގެ ތެރެއިން ކުދިންގެ ކަންކަން ހަމަޖެއްސުމަށް ފަސޭހަވެ އިތުރު ފައިދާތަކެއް ލިބިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މިކަން ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މިންވަރަށް ތަމްރީން ލިބިފައިވާ ޤާބިލު ޕްރިންސިޕަލުން ނުލިބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އާއިޝަތު ޢަލީ ވިދާޅުވީ، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އަތޮޅުތެރޭގައި ސްކޫލްތަކުގައި މިހާރު ތިބި ބިދޭސީ ޕްރިންސިޕަލުންގެ ބަދަލުގައި 18 ދިވެހި ޕްރިންސިޕަލުން ސްކޫލްތަކާއި ގުޅޭނެކަމަށެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިވެހި ޕްރިންސިޕަލުން ހަމަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ނިންމީ، މިދައުރު ނިމެންވާއިރަށް ހުރިހާ ސްކޫލްތަކަށްވެސް ދިވެހި ޕްރިންސިޕަލުންލާން. އެގޮތުން ސްކޯލަރޝިޕް ސްކީމެއް ހަދާފައި، 18 ބޭފުޅަކު ތަމްރީންވަމުން އެބަދޭ ޕްރިންސިޕަލުންނަށް ވުމަށްޓަކައި. އަންނަ އޭޕްރީލްގައި އެބޭފުޅުން ނިމިގެން އަންނާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ޕްރިންސިޕަލުންވެސް ހިމެނޭހެން ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއެކު ތަޢުލީމީ ދާއިރާއަށް މުވައްޒަފުން ލިބުމުގައި ދިމާވެފައިއޮތް ގޮންޖެހުމަށް ބޮޑު ޙައްލެއް ލިބިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. މީގެ ސަބަބުން ޤާބިލު ޓީޗަރުންނާއި ޕްރިންސިޕަލުން މިހާރު ވަޒީފާތަކަށް ޝައުގުވެރިވެ ވަޒީފާއަށް ކުރިމަތި ލަމުންދާކަންވެސް އެމިނިސްޓްރީއިން ފާހަގަކުރައްވައެވެ.