ޚަބަރު

ކޮޕް ސަމިޓްގައި މިރޭ ނައިބު ރައީސް ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެ


ކޮޕް 27 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ. އ.ދގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް، ކޮޕް 27 ބާއްވަނީ މިޞްރުގެ ޝަރްމުއްޝެއިޚްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

މި ސަމިޓަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ މައްސަލަތަކާއި، އެކަންކަން ޙައްލުކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.

މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ. ކޮޕް 27 ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިރޭގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެއެވެ.

ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށާއި ދުނިޔޭގެ މޫސުމާގުޅޭ ކަންކަމުގައި ރާއްޖެއިން ވަކާލާތުކުރަމުން އަންނަކަންކަން ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ.

މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންވައެވެ.

ސަމިޓުގައި ޤައުމުތަކުން އެއްބަސްވިކަންކަން ހާޞިލުކުރެވުނު މިންވަރާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށާއި، އެކަންކަމުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކޮށް، ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤައުމުތަކުގެ މެދުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

ކޮޕް ސަމިޓް މިމަހުގެ 18އާއި ހަމައަށް ކުރިއަށްދާނެއެވެ.