އ.ދގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް، "ކޮޕް 27" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިޞްރުގެ ޝަރްމުއްޝައިޚަށް މިއަދު ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އ.ދގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނެނީ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 27 ވަނަ ސެޝަނާއި، ކިޔޯޓޯ ޕްރޮޓޮކޯލްގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 17 ވަނަ ސެޝަނާއި، ޕެރިސް އެގްރީމެންޓްގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 4 ވަނަ ސެޝަނެވެ.
މި ކޮންފަރެންސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 6 ނޮވެމްބަރު 2022 ވާ އާދިއްތަ ދުވަހު ޝަރްމުއްޝެއިޚް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.
Vice President @faisalnasym arrived in Sharm El-Sheikh, Egypt, to attend #COP27. It is a major event for the Maldives and an opportunity to address the nation's sustainable development plans on the global stage. pic.twitter.com/m5hyKnzJ19
— The President's Office (@presidencymv) November 4, 2022
"ކޮޕް27" އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. މި ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވެއެވެ.
ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ޙައްޤުގައާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަކާލާތުކުރައްވަމުން އަންނަ ކަންކަމާއި އެއްގޮތްވާގޮތުގެ މަތިން އެމަނިކުފާނު 2019 ވަނަ އަހަރު ވަނީ ދިވެހިރާއްޖެއިން 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން އިޢުލާނުކުރައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ވިލުންތެރިކަން އިތުރުކުރުމުގައި ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް ކުރިމަތިވާ މާލީދަތިތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއިން ވަނީ ގިނަޤައުމުތައް އެކުވެގެން އުފައްދާފައިވާ މުއައްސަސާތަކުގައި ބައިވެރިވުމުން ފެށިގެން ޤައުމީ ފެންވަރުގެ ޙަރަކާތްތައް ހިންގައި މިރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.