ޚަބަރު

ސަޢޫދީ ފަންޑުން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް


ހުޅުމާލެ 2 ވަނަ ފިޔަވަހި ތަރައްޤީ ކުރެއްވުމަށް ސަޢޫދީ ފަންޑުން ދިވެހި ސަރުކާރަށް ލިބިވަޑައިގެންފައިވާ އެހީއިން ކުރައްވަން ނިންމަވާފައިވާ މަސައްކަތްތައް ޓެންޑަރކުރުމަށް ސަޢޫދީ ފަންޑުގެ އެޕްރޫވަލަށް ފޮނުވާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. ސަޢޫދީ ފަންޑުން ލުއި ލޯނުގެ ގޮތުގައި 80 މިލިއަން ޑޮލަރު ވަނީ ދީފައިވެއެވެ.ހުޅުމާލެ 2 ވަނަ ފިޔަވަހީގެ މަޝްރޫޢުތައް ހިންގުމަށް ސަޢޫދީ ފަންޑުން 80 މިލިއަން ޑޮލަރުގެ ލުއި ލޯނު ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ޕީ.އެސް.އެމްއަށް ދެއްވި އިންޓަރވިއުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ސަޢޫދީ ފަންޑުން ދީފައިވާ ލޯނު އެހީއިން ކުރައްވަން ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަންކަމަށް ޓެންޑަރ ކުރެއްވުމަށް ސަޢޫދީ ފަންޑުގެ އެޕްރޫވަލްއަށް މިހާރު ފޮނުފައިވާކަމަށެވެ. އެޕްރޫވަލް ލިބުމުން ޢަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ސައިމަން ވިދާޅުވިއެވެ. ސަޢޫދީ ފަންޑުން ދިން ލޯނު އެހީގެ ބޮޑު ބައެއް ޚަރަދު ކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ، ހުޅުމަލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވުމަށް އަޅަންޖެހޭ ބްރިޖްތަކުގެ މަސައްކަތަށެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ކުރަންޖެހޭ ހުރިހާ ޝީޓްޕައިލްގެ މަސައްކަތާއި، ދެ ހާރބަރގެ މަސައްކަތް ކުރެއްވުމަށް ނިންމަވާފައިވަނީވެސް މި ލޯނު އެހީގެ ދަށުންކަމަށް ސައިމަން ވިދާޅުވިއެވެ. އަދި ޓޫރިޒަމް ޑިސްޓްރިކްޓްގެ ޗެނަލް ކަނޑާއި، އެ ޗެނަލް ތައްޔާރުކުރެއްވުމާއި، ޓޫރިޒަމް ޑިސްޓްރިކްޓްގައި ހައްދަވާ 2 ބްރިޖްގެ އިތުރުން ޔޮޓް މެރީނާ އަދި، ކްރޫޒް ޓާރމިނަލްގެ އަޅުއްވާ ބްރިޖަށްވެސް ހޭދަކުރެއްވުމަށް ނިންމަވާފައިވަނީ، ސަޢޫދީ ފަންޑުގެ ލުއި ލޯނުންކަން ސައިމަން ފާހަގަކުރެއްވިއެވެ. މަސައްކަތްތައް ފެށުމަށް ބިޑް ޑޮކިއުމަންޓް ތައްޔާރުކުރަނީ، ސަޢޫދީ ފަންޑުގެ ޕްރޮކިއުމަންޓް އުސޫލްތަކާއި އެއްގޮތަށެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ، މައި މަގުތައް ހެދުމުގެ މަސައްކަތެވެ. އަދި އެތަނަށް ބޭނުންވާ ކަރަންޓާއި ފެނުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށަން ވަނީ ނިންމާފައެވެ. ހުޅުމާލެ 2 ވަނަ ފިޔަވައްސަކީ، 100,000 އަށްވުރެ ގިނަ މީހުންގެ އާބާދީއަކަށް އަމަޒުކުރައްވައިގެން ތަރައްޤީ ކުރައްވާ ތަނެކެވެ.