ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކާ ގުޅިގެން ބޮލީވުޑުން އެކަހަރެކޮށްފައި ހުރި ޑައިރެކްޓަރު ސާޖިދު ޚާން ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 16 އާ ގުޅުނީއްސުރެ އާންމުންގެ ފާޑުކިޔުން އަންނަނީ ސާޖިދަށް އަމާޒުވަމުންނެވެ.
އެތައް ބަޔަކަށް ޖިންސީގޯނާކުރި ކަމަށްބުނާ ތުހުމަތުގެ އިނގިލި ދިއްކުރެވޭ ސާޖިދު ބިގް ބޮސްގެ ގެއިން ވަގުތުން ބޭރުކުރުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވަމުންނެވެ. ނަމަވެސް އެގެއިން ސާޖިދު ބޭރު ނުކުރާނެ ކަމަށް މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
2018 ވަނަ އަހަރު ބަތަލާ ސަލޯނީ ޗޯޕްލާ، އަހާނާ ކުމާރު، ޝާލީން ޗޯޕްޅާ އަދި ނޫސްވެރިއެއްވެސް ވަނީ އެމީހުންގެ މީޓޫ މޫވްމެންޓުގައި ސާޖިދު އެމީހުންނަށް ޖިންސީ ގޯނާކުރި ކަމަށް ބުނެފައެވެ. މިއާއިއެކު ސާޖިދުގެ ދައްތަ ޑައިރެކްޓަރު/ކޮރިއޮގްރާފާ ފަރާ ޚާން ވަނީ މި މީހުންނަށް އެއްކޮޅަށް ތެދުވެފައެވެ.
މިކާމާއި ގުޅިގެން ފަރާ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ޖިންސީ ގޯނާ ސާޖިދު ކުރި ކަމަށް ވާނަމަ އެކަމުގެ ހައްޤު އަދަބު އޭނާއަށް ލިބެން ޖެހޭނެއެވެ. އަދި އެކަމަށް އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ކަމަށް ފަރާ ވަނީ ބުނެފައެވެ. ނަމަވެސް ފަރާގެ މި ޓްވީޓާއެކު ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފައެވެ. އަދި ސާޖިދު އެކަން ކުރިއިރު ފަރާއަށް އެއްވެސް އެއްޗެއް ނޭގޭތޯ އެމީހުން ސުވާލުކުރެއެވެ.
ސާޖިދަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް އެންމެ ފުރަތަމަ ކުރެވުނީ 2018 ގައި ފިލްމު "ހައުސްފުލް 4" ގެ ޑައިރެކްޓްކުރަމުން ދަނިކޮށެވެ. އެގޮތުން ފިލްމުތަކުން ފުރުސަތު ދޭނެ ކަމަށް ބުނެ ބަތަލާއިންނާއި ބައެއް ޒުވާން އަންހެނުންނަށް ސާޖިދު ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތުތައް ފެންމަތިވުމުން އޭނާ "ހައުސްފުލް 4" ގެ ޑައިރެކްޓަރުގެ މަސްއޫލިއްޔަތުންވެސް އެކަހެރިކުރިއެވެ. އަދި އެ ފިލްމު 2019 ވަނަ އަހަރު ރިލީޒްކުރީ ފަރުހާދު ސަމްޖީގެ ޑައިރެކްޝަންގެ ދަށުންނެވެ.
"ބިގް ބޮސް 16" ގެ ޕްރީމިއާގައި ސާޖިދު ބުނީ އޭނާއަށް ކަތި ފިޔަވަޅުތަކެއް އެޅުނީ އަމިއްލަ ކާމިޔާބީ ބޮލަށް ސަވާރުވެގެން ކަމަށެވެ. އަދި އެކަމާ މިހާރު ހިތާމަކުރާ ކަމަށާއި އަމިއްލަ މަސައްކަތުން ހޯދި ކްރެޑިޓް ވެސް ގެއްލިފައިވާ ކަމަށެވެ. އެކަމަކު އެކަންވީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށާއި ކްރެޑިޓް ފޭރިގެންފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ސާޖިދު "ބިގް ބޮސް 16" އާ ގުޅުނު އިރު ސާޖިދު ވަނީ އޭނާގެ އައު ފިލްމު "100 ޕަސެންޓް" އިއުލާންކޮށްފައެވެ. ޓީ ސީރީޒަށް ހަދަން ނިންމާފައިވާ ފިލްމުގެ ކާސްޓުންނަކީ ޖޯން އަބްރަހަމާއި ރިތޭޝް ދޭޝްމުކާއި ނޯރާ ފަތޭހީގެ އިތުރުން "ބިގް ބޮސް 13" ގައި ވާދަކުރި ޝެހެނާޒް ގިލް އެވެ.