ދީން

ސްކޫލްތަކުގައި ޤުރުއާން ޚަތިމުކޮށްދޭ ކްލާސްތަކެއް ފަށައިފި


ސްކޫލްތަކުގައި ޤުރުއާން ޚަތިމުކޮށްދޭ ކްލާސްތަކެއް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ފަށްޓަވައިފިއެވެ.ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވިގޮތުގައި މި ކްލާސްތައް މިއަހަރު އަމާޒުކުރައްވާފައިވަނީ މާލޭގެ ސްކޫލްތަކުގައި ތަޢުލީމް ޙާޞިލްކުރަމުން އަންނަ ދަރިވަރުންނަށެވެ. މިއަހަރުފެށޭ ކްލާސްތަކުގެ ކުދިން އަންނަ އަހަރު ނިމޭއިރު ޚަތިމްކުރެވޭނެކަމަށާއި ކްލާސްތައް ކުރިއަށްދަނީ ސްކޫލްތަކުގައި ޤުރުއާން ކިޔަވައިދެއްވާ ޓީޗަރުންނާއި ގުޅިގެންކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.ބަލައިގެން ކިޔެވުމާއި ހިތުން ކިއުމަށް ބަހާލައިގެން ކުރިއަށް ގެންދަވާ މި ކްލާސްތައް އަމާޒުކުރައްވާފައިވަނީ ގްރޭޑް ހަތަރެއްގެ ކުދިންނަށްކަމަށާއި އަންނަ އަހަރުގެ ކްލާސްތައް ކުރިއަށް ގެންދަވާނީ ގްރޭޑް ފަހެއްގައި ތަޢުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށްކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވިއެވެ.