ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ބެހޭގޮތުން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އެކުލަވާލި ރިޕޯޓުގައި ފާހަގަކުރެވޭ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އެކޮމިޝަނުން ޖެންޑާ މިނިސްޓްރީއަށް އަންގަވައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މިއަހަރުގެ މާރޗްމަހުގެ 6އިން 8އަށް، މި މަރުކަޒަށް ޒިޔާރަތް ކުރުމަށްފަހު އެކުލަވާލާފައިވާ މޮނިޓަރިން ރިޕޯޓުގައި ބަޔާން ކޮށްފައި ހުރި ކަންކަމުގެ ތެރޭގައި، މަރުކަޒުގައި ބަހައްޓަމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު އެމަރުކަޒު ބެލެހެއްޓުމަށް، ނުވަތަ މަރުކަޒުގައި ޚިދުމަތްދޭ ފަރާތްތަކުން ވަމުންދާ އިހުމާލެއްގެ ވާހަކަތައް ވަނީ ބަޔާން ކޮށްފައެވެ.
މީގެ ތެރޭގައި، ތަނުގެ ކެޕޭސިޓީއަށްވުރެ ގިނައިން އެތަނުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބުމުގެ އިތުރުން، މި މަރުކަޒުގައި ހިގަމުންދާ ލާއިންސާނީ އެތަކެއް އަނިޔާތަކުގެ ގިނަގުނަ ތަފްސީލުތަކެއް ހިމަނާފައި ވެއެވެ. އަދި މި މަރުކަޒުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ތިބޭ ފަރާތްތަކުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އަނިޔަތަކާ ގުޅޭގޮތުން ކޮށްފައިވާ ޝަކުވާތަކާއި، ހުށަހަޅާފައިވާ މައްސަލަތަކުގެ ރެކޯޑުތައް ނައްތާލުންފަދަ ކަންބޮޑުވާންޖެހޭ އެތައް ކަމެއްގެ ވާހަކަތައް، ހާލަތު ދެނެގަތުމަށްފަހު އެޗްއާރުސީއެމްއިން ޢާންމުކޮށްފައިވާ ރިޕޯޓުގައި ހިމަނާފައި ވެއެވެ.
ޚައްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބެލެހެއްޓުމަށް ދައުލަތުން ހިންގަމުންދާ، ގުރައިދޫގައި ހުންނަ މި މަރުކަޒަށް މީހުން ފޮނުވަން ނިންމަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ސޯޝަލް ސަރވިސް ވޯކަރުންކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދީފައިވާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.
ކޮމިޝަނުން އިސްލާހުކުރުމަށް ފާއިތުވި 10 އަހަރު ތެރޭގައިވެސް އަންގާފައިވަ ގިނަ ކަންކަން އިސްލާހު ކޮށްފައި ނުވާކަން ފާހަގަ ކުރައްވަމުން ރިޕޯޓުގައި ލިޔުއްވާފައި ވެއެވެ. އެޗްއާރުސީއެމްއިން ތައްޔާރުކުރި ރިޕޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ރިޕޯޓު ހިއްސާކުރާތާ 1 އަހަރުގެ ތެރޭގައި، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުން ދިރިއުޅޭ ވޯޑުތަކުގެ އެތެރެ މޮނިޓަރކުރެވޭގޮތަށް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށް، މަރުކަޒުން ކަނޑައަޅާ އުޞޫލެއްގެ މަތިން ޤަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުމަށްވެސް އެޗްއާރުސީއެމްއިން ޖެންޑަރ މިނިސްޓްރީއަށް އަންގާފައި ވެއެވެ.