ޚަބަރު

ރާއްޖެއިން ވާދަކުރި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފި


ރާއްޖެއިން ވާދަކުރި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

ރާއްޖެއިން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އދގެ މިރޭ އެކަމަށްޓަކައި ބޭއްވި ސިއްރު ވޯޓުގައެވެ.

189 ޤައުމަކުން މިއިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ. ރާއްޖޭގެ އިތުރުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް 14 ގައުމެއް އިންތިހާބުވިއެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިތައް ސަރަހައްދީގޮތުން ބަހާފައިވާއިރު، ރާއްޖެއިން ވާދަކުރީ އޭޝިއާ ޕެސިފިކް ގްރޫޕަށް ކަނޑައަޅާފައިވާ 13 ގޮނޑީގެ ތެރެއިން އަންނަ އަހަރަށް ހުސްވާ ހަތަރު ގޮނޑިން އެއް ގޮނޑިއަށެވެ. އެ ހަތަރު ގޮނޑިއަށް ރާއްޖޭގެ އިތުރުން ކިރިގިސްތާން ރިޕަބްލިކް، އަފްޣާނިސްތާން، ބަންގްލަދޭޝް، ބަހްރެއިން، ވިއެޓްނާމް އަދި ދެކުނު ކޮރެއާ ވާދަކުރިއެވެ. ދެކުނު ކޮރެއާއަކީ މިހާރު ވެސް އެ ކައުންސިލްގައި އިންނަ ގައުމެކެވެ. މީގެތެރެއިން ބަހުރެއިނުން ވަނީ ރާއްޖެއަށް ފުރުސަތު ދިނުމަށްޓަކާ އިންތިޚާބުގައި ވާދަނުކޮށް ދޫކޮށްލާފައެވެ.

ދިވެހިރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައެޅިފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް، ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ އިންތިޚާބުވެފައެވެ.

މީގެކުރިންވެސް 2011 އިން 2016ގެ ނިޔަލަށް ދެ އިންތިޚާބެއް ކާމިޔާބުކޮށް ރާއްޖެ އެ ކައުންސިލުގައި ހިމެނިފައިވާއިރު، މިއީ ރާއްޖެ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރި 3 ވަނަ ފަހަރެވެ. މި ފަހަރުގެ ދައުރު ފެށޭނީ 2023 ވަނަ އަހަރުއެވެ. އަދި އެ ދައުރު ދެމިއޮންނާނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ޑިމޮކްރަސީ ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭއިރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ ރައީސް ކަމުގައި ހުންނެވި އިރު ވެސް އެންމެ ބޮޑަށް ވަކާލާތުކުރެއްވި ކަންކަމުގެ ތެރޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުން ހިމެނެއެވެ.

47 މެމްބަރުންގެ މައްޗަށް މިމަޖިލިސް އެކުލަވާލެވިފައިވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ އިންސާނީ ޙައްޤުތަކާ ޚިލާފު ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގައި އ.ދ. އަށް ލިބިފައިވާ އިމްތިޔާޒަށް އިތުރު ބާރެއް ލިބި، އެޖަމްޢިއްޔާއަކީ ތަފާތު ޚިޔާލުތަކަށް ތަންދޭތަނެއްކަން ދޭހަވާކަމެކެވެ.

އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ތިން އަހަރުކަމުގައިވާއިރު، ޖެހިޖެހިގެން ދެ ދައުރަކަށް ކުރިމަތިލުމުގެ ފުރުޞަތު އެއްވެސް ޤައުމަކަށް ލިބިގެންނުވެއެވެ.