ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ޖަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


ހދ.ނޭކުރެންދޫގައި އެޅުމަށް ނިންމާފައިވާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފުރަތަމަ ފޭހުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއީ ރާއްޖޭގައި އަޅާ އެންމެ ބޮޑު ޖަލުކަމަށް ހޯމް މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ.

ނޭކުރެންދޫގައިި ހަދާ އިންޑަސްޓްރިއަލް ޕްރިޒަނަކީ އި ރިހިބިލިޓޭޝަން ފަރުވާދެވި، ބައެއް ކަހަލަ ކުށްކޮށްފައިވާ ޤައިދީން އަލުން އަވަހަށް މުޖުތަމައަށް ނެރެވޭފަދަ އިންތިޒާމު ތަކާއެކު ހަދާ ޖަލެކެވެ. ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގައި ހިމެނެނީ ޖަލުގެ ވަށާ ފާރު ރޭނުމެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީން ސޮއިކޮށްފައިވަނީ، ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. އަދި ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީއެވެ.

މި އެއްބަސްވުމުގެ ދަށުން 250 ދުވަހުގެ ތެރޭގައި ޖަލުގެ އުތުރު ފަރާތުގައި 614 މީޓަރު ދިގު 6.096 މީޓަރު އުސް ފާރެއް ރޭނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިރުމަތި ފަރާތުގައި 462 މީޓަރު ދިގު 6.096 މީޓަރު އުސް ފާރެއް ރޭނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 15.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ނޭކުރެންދޫގައި ޢިމާރާތްކުރާ އިންޑަސްޓްރިއަލް ޕްރިޒަންގެ މަސައްކަތް ނުފެށި ލަސްވީ ކޯވިޑް-19އާއި ގުޅިގެންކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ނޭކުރެންދޫގައި އިންޑަސްޓްރިއަލް ޕްރިޒަން އަޅާ ސަރަހައްދު ކަނޑައަޅާ އެސަރައްދުގައި ހުރި ރުއްގަހަށްވާ ބަދަލު ހޯމް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ.